65 އަހަރުން މަތީގެ މީހުުންނަށް ކުރިމަތިލެވޭ ގޮތް ހެދުމާ މެދު އިދިކޮޅުގައި އޮތީ ޚިޔާލު ތަފާތުވެފައި: ރައީސް

އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ އިސްލާހު އުވާލަން ޖުމްހޫރީ ޕާޓީން ބޭނުން ވިޔަސް، އެކަމަށް އެމްޑީޕީން ދެކޮޅު ހަދާ ކަމަށާއި އިދިކޮޅުގައި މުޅިން އޮތީ ޚިޔާލު ތަފާތުވުންތައް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ރައީސް ޔާމީންގެ ފުރަތަމަ ކެމްޕެއިން ދަތުރުފުޅުގައި ފ. ނިލަންދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިދިކޮޅު ކޯލިޝަން މިވަގުތު ވެސް އޮތީ ޚިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށެވެ.

އުމުރުން 65 އަހަރުވީ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ވިއްކޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު އުވާލަން ޖުމްހޫރީ ޕާޓީން ބޭނުންވާއިރު، އެކަމަށް އެމްޑީޕީން ދެކޮޅު ހަދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ އިސްލާހުތައް ގެނެސްފައި ވަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންތަކެއްގެ ވޯޓު ވެސް ސަރުކާރާ އެއްކޮޅަށް ލިބިގެން ކަން ފާހަގަ ކުރައްވައި، ރައީސް ވަނީ އެ އިސްލާހު އުވައިލަން ޖުމްހޫރީ ޕާޓީން މިހާރު ބޭނުންވާ ސަބަބާ ބެހޭގޮތުން ސުވާލު އުފައްދަވައިފަ އެވެ.

"އެމްޑީޕީން އެއްބަހެއް ނުވޭ މިކަން ކުރާކަށް. އެމްޑީޕީއަށް އެބަ އިނގޭ 65 އަހަރުން މަތީގެ މީހުންނަށް ކުރިމަތިލެވޭ ގޮތަަށް އެ މީހުން ތާއީދާ އެކީ މިކަން ކޮށްފިއްޔާ އެ މީހުންނަށް ހަތަރު އުދަރެސް ފެތުނީ ކަން. އެ ހިސާބުން ޖޭޕީން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ މީހަކު ނިކުންނަން ބޭނުންވާނެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ހުންނެވި ބޭފުޅަަކަށް ވެރިކަން ލިބުނަސް އެއީ ނުރައްކާތެެރި ކަމަކަށް ވާނެ ކަމަކަށް،" ރައީސް ޔާމީންގެ ފުރަތަމަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

"އުފެދުމުގެ ހަމަނުޖެހުންތަކާއި އުފެދުމުގެ ތަޅާފޮޅުންތަކުގައި މިހާރު ވެސް އެ އޮތީ. މިހެން އޮތީ އެންމެ ކަމެއް ދެ ކަމެއް ނޫން އިނގޭތޯ. މިހެން އެބަހުރި ބައިވަރު ކަންކަން."

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުން އެއްގަލަށް އަރައި ތިބީ ކޯލިޝަންގެ ވެރިކަމެއްގައި އިދިކޮޅު ހަތަރު ލީޑަރުން މިނިވަންވާނެ ކަމަށް ގަބޫލު ކުރާތީ އެ މަގްސަދުގަ އެވެ. ސަބަބަކީ މި ސަރުކާރަކީ ވަކި މީހެއްގެ މޫނަށް ބެލުމެއް ނެތި، ގާނޫނު ތަންފީޒުކުރާ ސަރުކާރަކަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ކެމްޕެއިނަށް މިއަދު ފ. ނިލަންދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

"މި ބޭފުޅުން ކުރައްވާފައި ހުރި ހުރިހާ ކަންތައްތަކުން އެ ބޭފުޅުންނަށް ސަލާމަތްކަން އޮތީ ސަރުކާރު ބަދަލުވީމަ އެ ވިދާޅުވާ ގޮތަށް ކަންކަން ކުރެވިދާނެ. އޭރުން އަނެއްކާވެސް އުފެދިގެން އެ ދަނީ އެކި ކަހަލަ ވިޔާނުދާ ކަންކަން މަގު ހުޅުވިގެން މި ދަނީ،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއް ނުހިންގޭނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ އެއް މަސް ދުވަސް ތެރޭގައި ވެސް އެކަން ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ކޯލިޝަން ސަރުކާރެއް ހިންގާނެ ކަމަށް މިހާރު ބުނަމުންދަނީ ހުރިހާ ޕާޓީތަކުގެ ލީޑަރުން ވެސް ގޮތްތަކެއް ހޯދުމަށް އެހީތެރިކަން ހޯދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ތިބީ ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް އޮޑިއަކަށް އަރާ. އޮޑީގެ ކައްޕިއާ އެކީގައި ދަތުރު ކުރުން ނޫން ގޮތެއް ޖޭޕީއަކަށް ވެސް ނެތް. އަދި އެހެން ޕާޓީއަކަށް ވެސް ނެތް." ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު ވެސް އުފެދުނީ ކޯލިޝަނެއްގެ ތެރެއިން ކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމްޑީއޭ މިހާރު ވެސް އޮތީ ޕީޕީއެމާ އެކު ވަރަށް ބަދަހިކޮށެވެ. އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްވެސް ޝަރުތެއް ނެތި، އެ ޕާޓީގެ އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސަރުކާރު ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އޮތްއިރު، އެ ޕާޓީގެ ތާއީދު ހޯދުމަށްޓަކައި "ވަރަށް ގިނަ ދަތުރުތަކެއް ކޮށް، ވަރަށް ތަފާތު ކަންތައް" ކުރަން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ތެރެއިން ކުރަން ޖެހުނު ކަންތައްތަކަކީ ޚުދު ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގިގެން ކުރައްވާފައި ހުރި ކަންތައްތަކެއް ނޫން. އަދި އަޅުގަނޑުމެންގެ ބަންޑާރަ ނައިބަށް ވެސް އެނގިގެން ހިނގާފައި ހުރި ކަންތައްތަކެއް ނޫން. އާޚިރުގައި ވެގެން ދިޔައީ ދެވިފައި ހުރި ފަޅުތަކާއި މިކަހަލަ އެތައް ކަމެއް އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރީ." ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި އެ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލައަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ( އަކީ ކުރިން ރައީސްގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅަކަށް ނުވުމަކީ ތަޖްރިބާ ކޮށްލުމަށްޓަކައި ފުރުސަތު ދޭންޖެހޭ ސަބަބެއް ނޫނެވެ. ރައީސް ކަން ނުކުރެއްވިޔަސް، އިބޫ އަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ގިނަ މުއްދަތުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އެ ޒިންމާތައް ވެސް އަދާ އިބޫ އަށް އަދާކުރެއްވިފައި ނެތް ކަމަށެވެ.