އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު 18-20ރ. އަށް ބޮޑުވާނެ: ސައީދު

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާތަނަށް ވެވަޑައިގެންފައިވާ ވައުދުތަކަށް ބަލާއިރު، ޑޮލަރުގެ އަގު 18ރ. އާއި 20ރ. އާ ދެމެދުގެ އަދަދަކަށް އުފުލޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.


ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިބޫ ވެވަޑައިގަންނަމުންދާ ވައުދުތަކަށް ބަލާއިރު އިގުތިސޯދަށް އަސަރު ކުރާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެގޮތުން، ޑޮލަރުގެ ރޭޓާއި އިންފްލޭޝަން ރޭޓު މައްޗަށް ދިއުމާއި އިމާރާތް ކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ދަށަށް ދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިބޫގެ ވެރިކަމެއްގައި، ރާއްޖޭގެ އިންފްލޭޝަން ރޭޓު ވެސް ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުވެގެން ދާނެ އެވެ.

"އަޅުގަނޑުމެންނަށް މި ފަހަރު ވޯޓުގައި، އިދިކޮޅު ފަރާތްތަކުން މިހާރު އެ ވީ ވައުދުތަކަށް ބަލާއިރު އަދި ހަމަ ގައިމު ވެސް ގެނެސްދިނީ މާޔޫސްކަން،" އިދިކޮޅު ކޯލިޝަންގެ ރިޔާސީ ވައުދުތަކަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކުރުން ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންތިޚާބަށް ކުޑަތަން ވެފައިވާއިރު، ރައްޔިތުންގެ ކުރިމަތީގައި އޮތީ ދެ ސުވާލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ކުރިން ފެނުނު، ރާއްޖެ ފަނާކުރުވަނިވި ދުވަސްތަކަށް އަނބުރާ ދާނީތޯ ނުވަތަ ރާއްޖޭގެ ތަރައްގީގެ އިތުރު ހަރުފަތަކަށް ދާނީތޯ އެވެ. އެހެންވެ، ކަންކުރަން ދަންނަ ވެރިއަކު ލިބުމަކީ ދޫކޮށްލަން ހެޔޮނުވާނެ ވަރުގެ ނަސީބެއް ކަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ދައްކަވައި ދެއްވާފައވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮލަކަށް ޖެހޭ އާމްދަނީ ރައީސް ޔާމީން ވަނީ ހަަތަރު އަހަރާއި ހަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް މައްޗަށް ޖައްސަވައިފަ އެވެ. މީގެ ކުރިން ބޮލަކަށް ޖެހޭ އާމްދަނީ 4،000 ޑޮލަރުގައި ހުރިއިރު މިހާރު އެ އަދަދު ވަނީ 10،000 ޑޮލަރަށް މައްޗަށް ޖައްސާފައި ކަމަށާއި ރާއްޖޭގެ ރިޒާވްގައި ހުރި 299 މިލިއަން ޑޮލަރު ވެސް 700 މިލިއަން ޑޮލަރަށް މައްޗަށް ޖައްސާފައިިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު، 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދެ ގޮތެއް ނުވެ ދެ ޕަސެންޓް ރޭޓު ދަށުގައި ހިފެހެއްޓުފައި ހުރީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ބާރަށް ކުރިއަރަމުން އަންނައިރު އެކަން ބެލުމަށް މުޅި ދުނިޔެ އަށް ރައީސް ޔާމީން ދައުވަތު ދެއްވި ކަމަށެވެ. އެ ދައުވަތާ ގުޅިގެން، ރޭޓިން ހަދައި ދުނިޔޭގެ މަޝްހޫރި ދެ އޭޖެންސީއެއް ކަމަށްވާ މޫޑީސް އާއި ފިޗް ރޭޓިންސް ރާއްޖެ އަ އެވެ. އެ މީހުން ރާއްޖެ އައިސް ދިރާސާތައް ހެދުމަށްފަހު ބީ2 ރޭޓިން ދިން ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ބޭފުޅުން އައިސް ދިރާސާތައް ހެދުމަށް ފަހު ފާހަގަކުރި ރާއްޖެ ކުރި އަރައި ދަނީ ބާރު ސްޕީޑްގައޭ،" ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ސައީދު ވިދާޅުވި އެވެ.