ކައްދޫ އެއާޕޯޓަކީ ބޮޑެތި ބޯޓުތައް ޖެއްސޭ ތަނަކަށް ހަދާނަން: ރައީސް ޔާމީން

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ، ލ. ކައްދޫ އެއާޕޯޓަކީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


ލ. ގަން ތުނޑީ އަވަށު ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު، އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ހައްދުންމަތީގެ އެއާޕޯޓު، ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހަދަން ޖެހޭ ކަމަށެވެ. ބޮޑެތި ބޯޓުތައް ކައްދޫ އެއާޕޯޓަށް ޖައްސަން ފެށުމުން، އެ ސަރަހައްދަށް ފަސޭހަކަމާ އެކު ޓޫރިޒަމްގެ ސިނާއަތު ގެންދެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގަމުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވަނީ.

"މިއީ ޒުވާނުން އުންމީދު ކުރަންވީ ކަމަކީ. އަދި ޒުވާނުންގެ ޖީބު ތަނަވަސްވެގެން ދިއުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭނެ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން، ކަނޑުދަތުރުފަތުރު ކުރާ ވާހަކައެއް ނުދައްކާނެ އެވެ. ސަރުކާރުން ދައްކާނީ އެއާޕޯޓާއި ބްރިޖު އަޅާ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕީޕީއެމުން ގެންނަ ތަރައްގީ އަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ލ. ގަމަށް އެންމެ ބޮޑަށް ދަތިވެފައިވާ މައްސަލަ އަކީ ރަށުގައި ހުސް ބިންތައް އޮތް ނަމަވެސް ގޯތި ނުދެވޭ މައްސަލަ ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެ ރަށުން 400 ގޯތި ދޫކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

"އަޅުގަނޑު އެކަން ނިންމާފަ މި އައީ. އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި ގަމުން 400 ގޯތި ދޫކުރުމުގެ ކަންކަން ހަމަޖެހިގެން ދާނެ. ފޯމު ނަންގަވައި ހުށަހަޅުއްވާ. އެ ގޯތިތައް ނެގުމަށް އިންތިޒާރުގައި ތިބި މީހުން ހަފުތާއެއްގެ ތެރޭގައި މިކަން ކަށަވަރު ކުރައްވާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސަރުކާރުގައި ލ. ގަމަށް ހޭދަ ކުރެވުނީ 35 މިލިއަން ރުފިޔާ ކަމަށެވެ. މިއީ، ނިސްބަތުން ވަރަށް ކުޑަކުޑަ އެއްޗެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އާބާދީ ބޮޑު ގަމުގައި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ބަނދަރާ އެކު 615 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިވެ އެވެ. އެހެންވެ، ގަމުގެ އަޣުލަބިއްޔަތު އެހެން ދިމާއަކަށް ދާންވި ސަބަބެއް އެއްވެސް ވަރަކަށް ވިސްނިވަޑައިނުގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.