ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލައިފި އެވެ.


އެ ކެމްޕޭނުގައި، އެމްޑީޕީ އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ޖެހުނު މައްސަލައިގެ ތެރޭގައި ޕީޕީއެމްގެ ދިދަ ފޮތިތައް ކަނޑައި ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ އެމްޑީޕީގެ 18 އެކްޓިވިސްޓުން ހައްޔަރު ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ޓެރަރިޒަމްގެ ތުހުމަތުކުރާ އެ އެންމެންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ގއ. ވިލިނގިލީ ކޯޓުން އިތުރު ވެސް ކުރި އެވެ.

އެމްޑީޕީ އެކްޓިވިސްޓުންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނި ގޮތުގައި، އެމީހުން ދޫކޮށްލީ ބަންދުން ދޫކޮށްދިނުމަށް އެދި ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެމީހުން ދޫކޮށްލީ، ބަންދުގައި ބަހައްޓަން އެންމެ ފަހުން ކޯޓުން ދިން މުއްދަތު ހަމަ ނުވަނީހެވެ.

ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކޮށް އަދަބު ދެމުން ގެންދާތީ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް އެމްޑީޕީން ބުނެ އެވެ.

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން މައްސަލައެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް، ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ހިންގި ކަމަށް ބުނާ އަމަލުތައް ޓެރަރިޒަމަށް ނުފެތޭ ކަމަށް އެ މީހުންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ އެ މީހުން ހައްޔަރުކޮށް، ދެ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރަންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވަކީލުން ބުންޏެވެ.