ދިޓީވީ އާއި ގުޅިފައިވާ ޗެނަލްތައް މި ރެއިން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
ރާއްޖޭގެ ފުރަތަމަ އަމިއްލަ ޗެނަލް ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ދެ ކުންފުނިން ހިންގާ ދިޓީވީ އާއި ދިއެފްއެމް އަދި ދިޕްލަސް ބްރޯޑްކާސްޓް ކުރުން މި ރޭ 12:00 އިން ފެށިގެން ހުއްޓާލާނެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ޑިރެކްޓަރުންގެ ބޯޑުން އެ ގޮތަށް ނިންމައި މިހާރު ތިބި މުވައްޒަފުންނަށް ތިން މަސްދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި މުސާރަ ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ ދެ ކުންފުނިން ހިންގާ ޗެނަލްތައް ހުއްޓާލަން ނިންމި ވަކި ސަބަބެއް ބަޔާނަކު ނެތެވެ.
އެކަމަކު، 2008 ގައި ހިންގަން ފެށި ދިޓީވީގެ ސީއީއޯ މިދުހަތު އާދަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޗެނަލްތައް ހުއްޓާލަން ޖެހުނީ ތަނުގެ ވަސީލަތްތަކުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.
"މެނޭޖުމަންޓުން ބުނަނީ މި ހާލަތުގައި ހިންގެން ނެތް ކަމަށް،" އޭނާ ވިދާޅުވި އެވެ.