އަސްލަމަށް އެއް ލައްކަ ޑޮލަރު ހުށަހެޅި މައްސަލަ އޭސީސީއަށް

ރިޝްވަތުގެ ގޮތުގައި އެއް ލައްކަ ޑޮލަރު ހުށަހެޅި މައްސަލަ އޭސީސީ އަށް އަންގާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް އަސްލަމް ވިދާޅުވީ، އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެނގޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް "އެއް ލައްކަ ޑޮލަރު"ގެ ހުށައެޅުމެއް އޭނާއަށް އައި ކަމަށާއި އެކަމަކު ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތައް ހަވާލުނުކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ހުށައެޅީ ސަރުކާރުން ކުރިއަށް ގެންދަން ނިންމައި އެކަމަކު އަދި ހަވާލުނުކުރެވި އޮތް މަޝްރޫއުއަކާ ގުޅިގެންނެވެ.

"މެސެޖު ފޮނުވި މީހާ ބުނަނީ މަސައްކަތް އަވަސްކޮށްލަ ދެވިދާނެހޭ. އެއް ލައްކަ ޑޮލަރު އަސްލަމަށޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް އެހެން މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.

ރިޝްވަތު ހުށަހެޅުމަކީ ޖިނާއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމަކީ ރިޝްވަތު ކަމަށް ބަޔާންކޮށްފައިވެ އެވެ.