ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ ކޮރަޕްޝަނުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އިއްޔެއާ ހަމައަށް ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވި ޝަމާހު އަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އޭސީސީން ނުބުނެ އެވެ.
ޝަމާހު އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑުން އިއްޔެ ބުނެފައިވިޔަސް އޭނާ ވަކިކުރި ސަބަބެއް ނުބުނެ އެވެ.
އެކަމަކު އޭނާ މަގާމުން ވަކިކުރި ފަހުން ވަނީ ސްޓެލްކޯގެ ތެރެއިން ހިޔާނާތަށް މަގުފަހިކުރި ކަމަށް ދޭހަވާ ގޮތަށް ދައްކަވާ ވާހަކަތަކެއް އިވޭ އޯޑިއޯއެއް ރޭ ލީކު ކޮށްލައިފަ އެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ އޯޑިއޯ އިން ދެމީހެެއްގެ އަޑު އިވޭއިރު އޭގެ ތެރެއިން އެކަކީ ޝަމާހު ކަމަށް ބުނެ އަޑު ފެތުރިފައިވެ އެވެ.
ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ އެ އޯޑިއޯގައި ބުނެފައިވަނީ އޭނާ މިފްކޯގައި ކޮރަޕްޝަނުގެ ތެރެއިން "ޕައިޕްލައިނަށް" އަޅާ ފައިސާ އަށް ވުރެ މާ ގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދާ ކަމަށެވެ. ފަހުރުވެރިކަމާ އެކު އެ ވާހަކަތައް ދައްކާ އަޑު އިވޭއިރު އޭނާއާ އެންމެ ކައިރީގައި ތިބޭ މީހުންނަށް ވެސް އެކަންކަން ނޭނގޭ ކަމަށް އެ މީހާ ބުނާ އަޑު އިވެ އެވެ.
އެ އޯޑިއޯ ޝަމާހު ކަމަށް ބުނާ މީހާ ބުނަނީ "ސްޓެލްކޯގައި މަގޭ ކުޅިވަރު" އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ.
އެ އޯޑިއޯ އާންމުވެފައިވަނިކޮށް ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ އިސްވެރިޔާގެ މަގާމުގައި ހުރި އަޒްހަދު ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ދުރުކޮށްފަ އެވެ. ސާއިދަކީ އެ ކުންފުނީގެ އެޗްއާރުގެ މުވައްޒަފެކެވެ.
އެ އޯޑިއޯގެ މައްސަލާގައީ ޝަމާހު ވިދާޅުވީ އެއީ އޭނާގެ އަޑު ނޫން ކަމަށާއި އޭގައި އިވޭ ވާހަކަތައް އޭނާއަށް ވެސް އިވުނީ އަލަަށް ކަމަށެވެ.
މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ޝަމާހު އެ މަގާމުން ވަކިކުރީ އެ ކުންފުނި ހިންގުމުގައި އަމަލު ކުރެއްވިި ގޮތްތަކާ މެދު ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ބެހެެއްޓުމަށް ފަހު އެވެ.
އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް މާ ބޮޑު ޒިންމާއެއް ނުނަންގަވަ އެވެ.