ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް، ގުޅިގެންމަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ހިނގިޔަ ނުދިނުމާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުން ކަމަށް އޭސީސީން ބުންޏެވެ. މީގެ އިތުރުން، ދެ އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވޯކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން އޭސީސީން އެއްބަސްވެފައި ވާއިރު އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަހުގީގުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން ވަނީ އެއްބަސްވެފަ އެވެ.

މީގެ އިތުރުން، ސްޓެލްކޯގައި އެންޓި ކޮރަޕްޝަން ޕޮލިސީތައް ގާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ފުރުސަތު ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި  ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.