ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ކުއްލި ގޮތަކަށް ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ކަމަށް ބުނެ، އެ ކުންފުނީގެ ތެރެއިން ހިޔާނާތަށް މަގުފަހިކުރި ކަމަށް ދޭހަވާ ގޮތަށް ދައްކަވާ ވާހަކަތަކެއް އިވޭ އޯޑިއޯއެއް ރޭ ލީކު ކޮށްލާފައިވީ ނަމަވެސް އެއީ އޭނާގެ އަޑު ނޫން ކަމަށް ޝަމާހު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ އޯޑިއޯ އިން ދެމީހެެއްގެ އަޑު އިވޭއިރު އޭގެ ތެރެއިން އެކަކީ ޝަމާހު ކަމަށް ބުނެ ދަނީ އަަޑުފަތުރަމުންނެވެ.
ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ އެ އޯޑިއޯގައި ބުނެފައިވަނީ އޭނާ މިފްކޯގައި ކޮރަޕްޝަނުގެ ތެރެއިން "ޕައިޕްލައިނަށް" އަޅާ ފައިސާ އަށް ވުރެ މާ ގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދާ ކަމަށެވެ.
"ތިން އަހަރުން ވެސް ނޭޅޭނެ މަ މިކޮޅުގައި ދެމަސް ތެރޭ ހަދާ އެއްޗިހި [ނަގާ ފައިސާ]،" އޯޑިއޯގައި އޭނާ ބުނާ އަޑު އިވެ އެވެ.
ނަމަވެސް އެ އޯޑިއޯއާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ޝަމާހު ވިދާޅުވީ، "އެއީ އަޅުގަނޑު ފްރޭމް ކުރަން ވެގެން ބަޔަކު ކޮށްފައި އޮތް ކަމެއް" ކަމަށެވެ.
"އެއީ އަޅުގަނޑުގެ އަޑެއް ނޫން. އަޅުގަނޑު ދެއްކި ވާހަކަތަކެއް ނޫން. ތި އޯޑިއޯގައި ތި އިވެނީ އަޅުގަނޑު އަލަށް އަޑު އެހި ވާހަކަތަކެއް،" އެއީ ސައްހަ އޯޑިއޯއެއްތޯ އެހުމުން ޝަމާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައެއް ނުވާނެ އެވެ.
ޝަމާހު ކަމަށް ބެލެވޭ މީހާ ފަހުރުވެރިކަމާ އެކު، ދައްކާ އަަޑު އެ އޯޑިއޯ އިން އިވޭ އަނެއް ވާހަކައަކީ އޭނާ ސްޓެލްކޯގެ ތެރެއިން ކުރައްވާ ކަންތައް އެންމެ ކައިރީގައި ތިބޭ މީހުންނަށް ވެސް ނޭނގޭނެ ވާހަކަ އެވެ.
އެ ވީޑީއޯގައި ޝަމާހު ކަމަށް ބުނާ މީހާ ބުނަނީ "ސްޓެލްކޯގައި މަގޭ ކުޅިވަރު" އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ.
އަޒްހަދަކީ، ސްޓެލްކޯގެ ޕްރޮކިއުމެންޓުގެ އިސްވެރިޔާ އެވެ. އޭނާ ވެސް އިއްޔެ ހަވީރު ވަނީ ކުއްލި ގޮތަކަށް އެ މަގާމުން ދުރުކޮށްފަ އެވެ. ސާއިދަކީ އެ ކުންފުނީގެ އެޗްއާރުގެ މުވައްޒަފެކެވެ.
"ސްޓެލްކޯއިން މަގޭ މި ކުޅިވަރު އެނގޭނެ ތިބޭނީ ދެމީހުން. އެއީ އަޒުހަދާ ސާއިދުއާ، އެހެން މީހަކު ނުހުންނާނެ،" ޝަމާހު ކަމަށް ތުހުމަތުކުރާ މީހާ ބުނާ އަޑު އިވެ އެވެ.
ޝަމާހު ކަމަށް ބެލެވޭ މީހާ އޯޑިއޯގައި ބުނާ ގޮތުގައި ވައްކަމުގެ ދާއިރާއިން މީހުން "އޭނާ ރޭޓްކޮށްފައި ހުރީ ވަރަށް ދަށުން"ނެވެ. ސްޓެލްކޯގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އޭނާއަކީ އަންހެނުންގެ ކަންތަކުގައި އުޅޭ މީހެއް ކަމަށް ހީކުރާ ކަމަށް ވެސް ބުނާ އަޑު އެ އޯޑިއޯ އިން އިވެ އެވެ.
"މި މީހުން ނޯށުން ރޯނެ މި ހުރިހާ ކަމެއް އެނގިއްޖިއްޔާ،" ޝަމާހު ކަމަށް ބެލެވޭ މީހާ ބުނާ އަޑު އިވެ އެވެ.
މި އޯޑިއޯ ލީކުކޮށްލީ، ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކުރުމާ އެކު، އެ ހޫނުގަނޑުގެ ތެރޭގަ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑުން އެކްސްގައި އިއްޔެ ހާމަކުރި ނަމަވެސް ސަބަބެއް ނުބުނެ އެވެ.
ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭރު އޭނާ އެ މަގާމުން ވަކިކުރީ އެ ކުންފުނި ހިންގުމުގައި އަމަލު ކުރެއްވިި ގޮތްތަކާ މެދު ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ވެސް ބެހެެއްޓުމަށް ފަހު އެވެ.
އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް މާ ބޮޑު ޒިންމާއެއް ނުނަންގަވަ އެވެ.
ޝަމާހުއަކީ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ދެވަނަ ފަރާތެވެ. މި ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އަށް 27 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަކިކުރެއްވުމަށް ފަހު މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.