ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަހުމަދު ޝަމާހު ރަޝީދު މިއަދު ކުއްލި ގޮތަކަށް ވަކިކުރުމާ އެކު، އެ ކުންފުނި ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފި އެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ޝަމާހު އޭގެ ހަތަރު މަސް ފަހުން އެ މަގާމުން މިއަދު ވަކިކުރި ސަބަބު އަދިއެއް ނޭނގެ އެވެ. 

އެ ބަދަލާ އެކު، އެ ކުންފުނިން ހިންގުން މިއަދު ހަވީރު ވަނީ ޑީއެމްޑީ އަޒްވަރާ ހަވާލު ކޮށްފައި ކަމަށް އެނގިފައި ވެ އެވެ. 

ސްޓެލްކޯ ހިންގުމާ އަޒްވަރު ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވަނީސް، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑު ނުވަތަ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު ވެސް އެ މަގާމުން ދުރުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. 

ސްޓެލްކޯގެ ޕްރޮކިއުމަންޓު ހެޑްގެ މަގާމު ފުރުއްވި އަޒްހަދު: މިއަދު ވަނީ މަގާމުން ދުރުކޮށްފައި.
ސްޓެލްކޯގެ ޕްރޮކިއުމަންޓު ހެޑްގެ މަގާމު ފުރުއްވި އަޒްހަދު: މިއަދު ވަނީ މަގާމުން ދުރުކޮށްފައި.

އޭނާ މަގާމުން ދުރުކޮށްފައިވާކަން ސްޓެލްކޯގެ އިސް އޮފިޝަލަކު ވެސް ކަށަވަރު ކޮށްދެއްވި އެވެ. އެކަމަކު، އަޒްހަދު ސްޓެލްކޯގެ ވަޒީފާ އިން އަދި ވައްކެތް އެވެ. ހަމައެކަނި ކުރި ކަމަކީ ޒިންމާތަކުން ދުރުކުރުމެވެ. 

ޕްރޮކިއުމަންޓު ޑިޕާޓުމަންޓުގެ އިސްވެރިޔާގެ މަގާމުން އަޒްހަދު ދުރުކުއިރު، ޝަމާހު ކަމަށް ބުނެ އޭނާގެ އަޑު އިވޭ އޯޑިއޯއެއް ވަނީ ލީކުކޮށްލައިފަ އެވެ. ސްޓެލްކޯ މެދުވެރިކޮށް ނާޖާއިޒު މަންފާތަކެއް ހޯދާ ވާހަކަ ޝަމާހު ކަމަށް ބުނާ މީހާ އެ އޯޑިއޯގައި ދައްކާއިރު އަޒްހަދުގެ ނަން ގެނެސްފައި ވެ އެވެ. 

އެ ވީޑީއޯގައި ޝަމާހު ކަމަށް ބުނާ މީހާ ބުނަނީ "ސްޓެލްކޯގައި މަގޭ ކުޅިވަރު" އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ.

ސްޓެލްކޯ ހިންގުމާ ވަގުތީ ގޮތުބން ހަވާލުކުރި އަޒްވަރު އެ ކުންފުންޏާ ގުޅިވަޑައިގަތީ 1997 ގަ އެވެ. 

އޭނާ ވަނީ ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމާއި ކަސްޓަމާ ސާވިސަސް އާއި ބިޒްނަސް ޑިވެލޮޕްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.  

ޝަމާހުއަކީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މި ސަރުކާރުން ވަކިކުރި ދެވަނަ ފަރާތެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު، އެ މަގާމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ އެ ކުންފުނީގައި 27 އަހަރު ވަންދެން މަސައްކަތް ކުރެއްވި ހުސައިން ފަހުމީ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ އެ މަގާމުން ވަކިކޮށް ވަނީ ރައީސް އޮފީހުގެ  ޕްރިންސިޕަލް ސެކްރެޓަރީކަމަށް މިނިސްޓަރުގެ ފެންވަރުގައި އައްޔަންކޮށްފަ އެވެ. 

ޝަމާހު ވަނީ ދައުލަތުގެ މަސްކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް މި ސަރުކާރުގައި ކުރިން ކުރައްވައިފަ އެވެ. އެކަމަކު، އެ ކުންފުނިން އޭނާ ވަކިކުރީ ތަން ހިންގުމުގައި އަމަލު ކުރެއްވިި ގޮތްތަކާ މެދު ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ވެސް ބެހެެއްޓުމަށް ފަހު އެވެ.

އޭގެ ފަހުން ދެން އައްޔަންކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އޭގެ ފަހުން ސްޓެލްކޯއަކަށެވެ.