މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރެއްވި އަހުމަދު ޝަމާހު ޝަރީފު މިއަދު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ނުބުނެ އެވެ.
ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭރު އޭނާ އެ މަގާމުން ވަކިކުރީ އެ ކުންފުނި ހިންގުމުގައި އަމަލު ކުރެއްވިި ގޮތްތަކާ މެދު ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ވެސް ބެހެެއްޓުމަށް ފަހު އެވެ.
އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް މާ ބޮޑު ޒިންމާއެއް ނުނަންގަވަ އެވެ.
ޝަމާހުއަކީ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރެއްވި ދެވަނަ ފަރާތެވެ. މި ސަރުކާރުގައި އެ ކުންފުނީގެ އެމްޑީގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވީ ހުސައިން ފަހުމީ އެވެ.
ސްޓެލްކޯ އަށް 27 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަކިކުރެއްވުމަށް ފަހު މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އެއީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.