ސްޓެލްކޯ ހިންގުމާ ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ކަރަންޓް ފޯރުކޮށްދޭ މައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ސ. ފޭދޫ ނެސްޕްރޯވިލާ، އަޒްވަރު އައްޔަން ކޮށްފައިވާ ކަމަށެވެ. 

އަޒްވަރު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވެ. 

އޭނާ އެ ކުންފުނި ހިންގުމާ މިދިޔަ ޖެނުއަރީ މަހު ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެފަހުން ހުންނެވި އަހުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރުމުންނެވެ. 

ސްޓެލްކޯގައި 29 އަހަރު ހޭދަކުރައްވާފައިވާ އަޒްވަރު ނިއުޒިލެންޑުން ޕީއެޗްޑީ ހާސިލް ކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. އަދި އޭނާ ވަނީ ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒް އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. 

ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް އަޒްވަރު ވަނީ އެ ކުންފުނީގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން އާއި ބިލިން ސާވިސަސް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ މުހިއްމު ދާއިރާތައް ހިމެނެ އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވުމާ ހަމައަށް އަޒްވަރު ހުންނެވީ ޗީފް އޮޕަރޭޓިން އޮފިސަރަކަށެވެ.

އަޒްވަރަކޯ މި ސަރުކާރުން ސްޓެލްކޯއަށް އައްޔަން ކުރެއްވި ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ. އެންމެ ފުރަތަމަ އެ މަގާމުގައި ހުސެއިން ފަހުމީ އެ މަގާމުން ވަކިކޮށް ދެން ބަދަލު ކުރެއްވީ ރައީސް އޮފީހުގެ އިސް މަގާމަށެވެ. އެއަށްފަހު، މިމަހުގެ ތެރޭގައި އޭނާ ވަނީ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފަ އެވެ.