އުވާލަން ނިންމާފައިވާ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގެ ވަގުތީ މެނޭޖިން ޑިރެކްޓަރަކަށް ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ހަމަޖައްސައިފި އެވެ.

އެ ބަދަލު ގެނައީ ފެނަކައިގެ އެމްޑީގެ މަގާމަށް މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އައްޔަންކުރި މުހައްމަދު އަފީފް ހުސައިން އެ މަގާމުން އިއްޔެ ވަކިކޮށްފައިވާތީ އެވެ. އެ ފިޔަވަޅު އެޅީ ފެނަކަ އުވާލުމުގެ މަރުހަލާތައް ސަރުކާރުން މިހާރު ފަށާފައިވާތީ އެވެ.

ފެނަކައިން ބުނީ އެ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި އެކްޓިންގް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒުވަރު ހަމަޖައްސައި ޑިރެކްޓަރުންގެ ބޯޑަށް، ހ.ހުދުރިޔާ، އިބްރާހިމް ނިޒާމް ވަނީ މިއަދު އައްޔަން ކޮށްފައި ކަމަށެވެ.

ސްޓެލްކޯގެ މިހާރު މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު--
ސްޓެލްކޯގެ މިހާރު މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު--

ފެނަކައިގެ ބޯޑަށް އަލަށް އައްޔަންކުރި ނިޒާމަކީ 1997 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. އޭނާ މިހާރު ހުންނެވީ އެ ކުންފުނީގެ ރިނިއުބުލް އެނާޖީ ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ އެވެ. ނިޒާމް ވަނީ އިލެކްޓްރިކަލް ޕަވާ އިންޖިނިއަރިން އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.

ކުރިން ސްޓެލްކޯގެ ޗީފް މެކޭނިކަލް އިންޖިނިއަރުގެ މަގާމުގައި ހުންނެވި އަޒްވަރުއާ ސްޓެލްކޯ ވަގުތީ ގޮތުން ހަވާލުކުރީ މި އަހަރު ޖެނުއަރީގަ އެވެ. އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން އޭނާ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މިދިޔަ އޭޕްރިލް މަހު ވަނީ ރަސްމީކޮށް އައްޔަންކޮށްފަ އެވެ.

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހު ހަތެއްގަ އެވެ. 

ރައީސް އެ ދުވަހު ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ، އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލުމަށް ކަމަށެވެ.  އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.