އުވާލަން ނިންމާފައިވާ ސަރުކާރު ކުންފުނި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ހުސައިން މިއަދު ވަކިކޮށްފި އެވެ. 

ޕީސީބީން ކަށަވަރު ކޮށްދިން ގޮތުގައި، ފެނަކައިގެ އެމްޑީގެ މަގާމަށް މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އައްޔަންކުރި އަފީފް އެ މަގާމު ވަކިކުރިކަން މިއަދު ވަނީ އަންގައިފަ އެވެ. 

އަފީފަކީ މި ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި ތިންވަނަ ބޭފުޅާ އެވެ. މި ސަރުކާރުގައި މީގެ ކުރިން ދެން އެ މަގާމު ފުރުއްވީ އަފީފުގެ އިތުރުން މުއާޒް މުހައްމަދު ރަޝީދާއި މުހައްމަދު ނަޖާހު އެވެ. މުއާޒް މިހާރު ހުންެނެވީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. 

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހު ހަތެއްގަ އެވެ. 

ރައީސް އެ ދުވަހު ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ، އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. 

ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލުމަށް ކަމަށެވެ. 

އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. 

ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި އަފީފް ވަނީ ފެނަކައާ އަލުން ހަވާލުވެ، އެ ކުންފުނިން ޑައުންސައިޒްކުރުމަށް ސަރުކާރުން ކުރި ގިނަ މަސައްކަތްތަކެއްގައި އިސްކޮށް އުޅުއްވައިފަ އެވެ. އޭގެ ތެރޭގައި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން އިންޖީނުގެތަކުގެ ހާލަތު ދެނެގަތުމަށް ސާވޭތައް ވެސް ކުރި އެވެ.