ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހާއްސަ ހަފުލާގާއި އަޒުވަރު ވިދާޅުވީ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަނޑައެޅި މުއްދަތަށް މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
މުޅި ރާއްޖޭގެ ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށް ވުރެ ބޮޑުވާނެކަން ފާހަގަ ކުރައްވަމުން އަޒްވަރު ވިދާޅުވީ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ސްޓެލްކޯގެ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށެވެ.
ސަރުކާރުގެ ފެންވަރުގަ އާއި ރައްޔިތުންގެ ފަރާތުން މިކަމުގައި ކުރާ އުންމީދުތައް އިތުބާރާ އެކު ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުން، ހާއްސަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތް ކުރެއްވުމަށް އަޒްވަރު އެދިވަޑައިގަތެވެ.
"މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" އެމްޑީ ވިދާޅުވި އެވެ.
ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތާ އެކު، ނިންމައިލެވުނީ ތާރީހީ ގޮތުން ނުހަނު މުހިންމު މަސައްކަތެއް ކަމަށާއި ފުރަތަމަ މަރުހަލާގެ ދުވަސްތަކުގައި މުވައްޒަފުންނާ ގުޅޭގޮތުން ގެންގުޅޭ އުސޫލުތައް ފުރިހަމައަށް ދަމަހައްޓައި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާން ޖެހޭނެ ކަމަށް ވެސް އަޒުވަރު ވަނީ ވިދާޅުވެފަ އެވެ.
ހިދުމަތްތަކާ ހަވާލުވުމަށް ފަހު، ދެން އޮތް އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުންޏާ މެދު އޮތް ވަރަށް ބޮޑު އުންމީދަކަށް ވާތީ، އެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް އަޒްވަރު ވިދާޅުވި އެވެ.
ބޮޑެތި އާބާދީތަކުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށްޓަކައި އެ ތަންތަން ދުރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އަޒުވަރު ވިދާޅުވި އެވެ.
އެ މަސައްކަތުގައި ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވަމުން، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް އަޒްވަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.