ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ހިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، އެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.

ފެނަކަ އިން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް، ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.

އެ ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯ އިން މިއަދު ހަވާލުވީ ލ. ފޮނަދުއާ އެވެ. 

އެކަން ފާހަގަކުރަން، ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.

ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުން-- ފޮޓޯ: ސްޓެލްކޯ
ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުން-- ފޮޓޯ: ސްޓެލްކޯ

މި ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާ މެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ.

އެއީ ރައީސް މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އަޒްވަރު ދެއްވި އެވެ.

މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގަ އެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފަ އެވެ.

ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަޒްވަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ
ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަޒްވަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް މިހާރު ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ވަނީ ބަދަލު ކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ އެ ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.

ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅު ތެރޭގައި ވަނީ ހަރަކާތްތެރިވެފަ އެވެ.

ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުން-- ފޮޓޯ: ސްޓެލްކޯ
ލ. އަތޮޅުގައި ދެމުންދިޔަ ފެނަކައިން ޔޫޓިލިޓީގެ ހިދުމަތް ސްޓެލްކޯއިން ހަވާލުވުން-- ފޮޓޯ: ސްޓެލްކޯ

ބޮޑު ދަރަންޏަކާ އެކު ގެއްލުމުގައި ހިންގަމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމައި ސަރުކާރުން އެކަން އިއުލާނުކުރީ ސެޕްޓެމްބަރު 7 ގަ އެވެ. 

ފެނަކަ އުވާލަން ނިންމިއިރު ކުރީގެ ސަރުކާރުުގައި ބޮޑެތި ކޮރަޕްޝަން ފަޅާއެރި، ފެނަކައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ. އެ ތަހުގީގުތަކަށް ފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން ވެސް އެ ކުންފުންޏަށް އެންގި އެވެ.