ހޯރަ އިއްބެ މައްސަލައިގައި މަޝްވަރާއެއް ނުކުރޭ: ޝިދާތާ

ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ޖެންޑާ މިނިސްޓްރީއާ މަޝްވަރާކުރައްވާފައި ނޫން ކަމަށް މިނިސްޓަރު ޝިދާތާ ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ މަގާމް އަދާކުރި އެ ޕާޓީގެ އެކްޓިވިސްޓް އިއްބެގެ ހުކުމުގައި ބާކީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް އޮއްވާ އޭނާ މި ހަފްތާގައި މިނިވަންވާ ގޮތަށް އަދަބު ލުއިކުރުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެހެންވެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސްއޫލިއްޔަތު ނަންގަވާ މިނިސްޓަރުގެ ހައިސިއްޔަތުން، އެކަމާ މެދު އެއްޗެކޭ ވިދާޅުވާން "މިހާރު"ން އެދުމުން ޝިދާތާ ވިދާޅުވީ ކޮމެންޓެއް ކުރެއްވެން ނެތް ކަމަށާއި ރައީސްގެ ނިންމެވުމަކާ މެދު އެއްޗެކޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ.

އެކަމަކު އެ ގޮތަށް ނިންމެވުމުގެ ކުރިން ޝިދާތާ ނުވަތަ މިނިސްޓްރީއާ ރައީސް މަޝްވަރާކުރެއްވިތޯ އެހުމުން އޭނާ ވިދާޅުވީ ނުކުރައްވާ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ރައީސް ނުވަތަ ރައީސް އޮފީހުން ކޮންމެހެން ކުރަން ޖެހޭ ގޮތަށް އޮންނަ ކަމެއް ވެސް ނޫނެވެ.

ހޯރަ އިއްބެ

ސަތާރަ އަހަރުގެ ކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގައިގެން 2012ގައި ހައްޔަރުކޮށް އޭގެ އެއް އަހަރު ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އައުމާ ގުޅިގެން އިއްބެއަކީ ޖެންޑަ މިނިސްޓްރީން ބަލަހައްޓާ، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ކުށްވެރިއެކެވެ. އެ ދަފްތަރު ބުނާ ގޮތުން އޭނާގެ ހުކުމުގެ މުއްދަތު ހަމަވާނީ އޮގަސްޓް 1، 2023ގަ އެވެ. އެކަމަކު ހުކުމުގެ ތިން ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއް މައާފްކޮށްދެއްވަން ރައީސް ހޯމަދުވަހު ނިންމެވުމާ ގުޅިގެން މާދަމާ އިއްބެ މިނިވަންވާނެ ކަމަށް ބެލެވެ އެވެ.

ފަހުން އިއްބެ ވަނީ އެ އަންހެންކުއްޖާއާ ކައިވެނިކޮށްފަ އެވެ. އަދި އެދެމަފިރިންނަށް ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ. އެކަމަކު އިއްބެ ދޫކޮށްލުމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަދައްކަމުން އަންނަ އިރު އޭނާ މިނިވަން ނުކުރަން ރައީސަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް ވަނީ ހުޅުވާލައިފަ އެވެ.