މީޑިއާ ކައުންސިލްގެ އިންތިޚާބަށް ރަޖިސްޓްރީވާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން ހޮވަން ބާއްވާ އިންތިޚާބަށް ރަޖިސްޓްރީވާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


މި އިންތިޚާބަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ ވޯޓު ލުމަށާއި އަދި އިންތިޚާބުގައި މަންދޫބުންނާއި އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތަކަށެވެ. އެ މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ މި އިންތިޚާބަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ބުދަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އަށް އޮންނާނެ ކަމަށެވެ.

މީޑިއާ ކައުންސިލުގައި މިވަގުތު ތިއްބެވި މެމްބަރުންގެ ދައުރު ހަމަ ވަނީ އަންނަ ބުދަ ދުވަހަށެވެ. އެ ކައުންސިލަށް އާ މެމްބަރުން ހޮވުމަށް ބާއްވާ އިންތިިޚާބު އޮންނާނީ މި މަހު 15 ވަނަ ދުވަހު އެވެ.

މީޑިއާ ކައުންސިލް އެކުލަވާލާފައި ވަނީ މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުން އެކުލެވޭ ގޮތަށެވެ. ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ.