ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އާ ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.


ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހަމަޖެއްސީ އިސްމާއިލް ހަމީދު ކަމަށެވެ. މީގެކުރިން، ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހުންނެވީ އިދުރީސް އިސްމާއިލް އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، އިދުރީސް ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިޔާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

އެ ކުންފުންޏަށް މަހުން މަހަށް ފައިސާ ދައްކާ ހަމަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ. އަދި ހައްޖު ކޯޓާގެ ބޮޑު ބައެއް ވެސް ދެނީ އެ ކުންފުންޏަށެވެ.