ހައްޖު ކޯޕަރޭޝަނުން އެޖެންޓުން ހޯދަނީ

ހައްޖު ކޯޕަރޭޝަންގެ ހިދުމަތް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކޮންމެ އިންތިހާބީ ދާއިރާއަކުން އެ ކުންފުންޏަށް އެޖެންޓުން ހޯދަން އިއުލާނުކޮށްފި އެވެ.


މި އޭޖެންޓުންގެ މަސްއޫލިޔަތަކީ އެ ކޯޕަރޭޝަނާއި އެތަނުގެ ހިދުމަތްތައް ދާއިރާގެ ރައްޔިތުންނަށް އަންގައިދިނުމެވެ. އަދި އެ މީހުންގެ ހިޔާލާއި ކަންބޮޑުވުންތަކަށް އަޑުއަހައި އެކަންތައް ކޯޕަރޭޝަނަށް އެންގުމެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެޖެންޓުންނަށް ވަކި މުސާރައެއް ނޯންނާނެ ކަމަށާއި އެކަމަކު އެޖެންޓުން މެދުވެރިވެގެން ކޯޕަރޭޝަނުން އުމްރާ އަށް ދާން ރަޖިސްޓްރީކޮންމެ މީހަކު ދައްކާ ފައިސާ އިން ދެ ޕަސެންޓް އެޖެންޓަށް ލިބޭނެ ކަމަށެވެ. އަދި އުމްރާ އަށް ގެންދަން 50 މީހުން ރަޖިސްޓްރީކޮށްފި އެޖެންޓަކަށް އުމްރާ ދަތުރެއް ހިލޭ ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އާންމު ފަރުދަކަށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއަކަށް ވެސް އެ ކޯޕަރޭޝަންގެ އޭޖެންޓަކަށް ވެވޭނެ އެވެ. ނަމަވެސް ހައްޖު އަދި އުމްރާގެ ހިދުމަތްދޭ ޖަމިއްޔާއަކަށް ނުވަތަ އެފަދަ ތަނެއްގައި ހިއްސާ އޮތް ނުވަތަ އާއިލީ ގުޅުމެއް އޮންނަ މީހުންނަކަށް ވެސް އެ މަގާމަކަށް ހުށައެއް ނޭޅޭނެ އެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރުންނަށް އަދި މުވައްޒަފުންނަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ސާބިތު ދަރަންޏެއް އޮތް ނުވަތަ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހުންނަށް ވެސް މި މަގާމަކަށް ކުރިމައްޗެއް ނުުލެވޭނެ އެވެ.

އޭޖެންޓަކަށް ވާން އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. އެ ކޯޕަރޭޝަންގެ އޮފީހަށް އަދި އީމެއިލް މެދުވެރިިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.