އަސޭމިރުހުގެ ސިއްހީ ފައިދާ އާއި އޭގެ އެހެން ބޭނުންތަކުގެ ވާހަކަ ދައްކާ ހުހެއް ނުވާނެ އެވެ. ޕާސްތާ އަށް އެޅިޔަސް، ބިސްގަނޑަށް އެޅިޔަސް ރަހަ މީރުކޮށްލާނެ އެވެ. ސިއްހީ ފައިދާތަކުގެ ތެރެއިން ބަނޑުގެ އެކި މައްސަލަތަކަށް ވެސް އަސޭމިރުހަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

އަސޭމިރުހުގެ ސިއްހީ ފައިދާތައް ދިރާސާތަކުން ސާބިތުވެ އެވެ. އެގޮތުން މިއީ ހަޖަމުގެ މައްސަލަތަކަށް ފަރުވާއެކެވެ.

އަސޭމިރުހަކީ ކާނާގެ ރަހަ ރަނގަޅަށް ނެރެދިނުމުގެ އިތުރުން ހަޖަމުކުރުމަށް އެހީވާ މާއްދާތައް ހިމެނޭ އެއްޗެކެވެ. ރަހަ އިހްސާސްކޮށްދޭ "ޓޭސްޓް ބަޑް" އަށް އަސޭމިރުހުން ދޭ ސިގްނަލްތަކާ އެކު ބަނޑުގައި ޑައިޖެސްޓިވް ޖޫސް އިތުރުކުރުމަށް ސިގްނަލްދެ އެވެ.

ނަތީޖާއަކަށްވަނީ ބަނޑުގައި ހުންނަ ޕްރޮޓީންސްތައް ކުދިކުދިކޮށްލުމުގެ މަސައްކަތް ހަލުވިކުރުމެވެ.

އަސޭމިރުހުގައި ވަރަށް މަތީ މިންވަރަކަށް އެންޓިއޮކްސިޑެންޓް ހުރެ އެވެ. މިއީ ބެކްޓީރިއާއާ ދެކޮޅަށް ވެސް މަސައްކަތްކުރާ އެއްޗަކަށް ވާތީ ގޮހޮރުގައި ބެކްޓީރިއާ މަދުކޮށްދެ އެވެ.

އެހެންވެ ހަޖަމުނުބައިވެ ނުވަތަ ބަނޑުދިޔާވެގެން އުޅޭ ނަމަ ކާނާއާ އެކު ނުވަތަ ހުހަށް ނަމަވެސް އަސޭމިރުސް ކާށެވެ.