ދިގު ޗުއްޓީއެއް ނިންމާލާފައި އެންމެން އަލުން އެނބުރި މަސައްކަތަށް ނުކުންނައިރު ގިނަ ބަޔަކު ތިބޭނީ ވަރަށް ބޮޑަށް ހަންގަނޑު އަނދައިފަ އެވެ. ގަދަ އަވީގައި، ގޮނޑުދޮށާއި މޫދުގައި އުޅުމުން ސަބަބުން ހަންގަނޑަށް ބޮޑު ގެއްލުމެއް ލިބިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަން ސްކްރީން ލޯޝަން އުނގުޅައިގެން އުޅުނަސް މާގިނައިރުވަންދެން އަވީގައި އުޅެފި ނަމަ ހަންގަނޑު އަނދަ އެވެ. އަދި ޚާއްސަކޮށް މޫދުގައި އުޅޭ ނަމަ މާ ބޮޑުވަރު ވާނެ އެވެ. ސަބަބަކީ ސަން ސްކްރީންގެ ގިނަ ވައްތަރުތަކަކީ ފެން ޖެހުމުން އޭގެ ބާރު ކެނޑޭ އެއްޗިއްސަށް ވާތީ އެވެ. އަވީގައި މާ ގިނައިރު ހޭދަކުރުމުން މެލަނިން އުފައްދާ މިންވަރު މަތިވެ އެވެ. އެހެންވެ އަތްވަށް އާއްމުކޮށް ހާމަވާ ހިސާބުތައް ކަމަށްވާ މޫނާއި ކަރު އަދި އަތް ފަދަ ތަންތަން ކަޅުވާން ދިމާވެ އެވެ. އަދި މިކަމުގެ ސަބަބުން ހަމުގެ އެކި މައްސަލަތައް ވެސް ޖެހެ އެވެ. އޭގެ ތެރޭގައި އޮށާޅަ އާއި ބިހި ނެގުމާއި ރޫ ޖެހުން، ކަޅު ލައް ޖެހުން، ހަންފޮޅުން، ހަންގަނޑު އެނދުން އަދި މަދު ހާލަތްތަކެއްގައި ހަމުގެ ކެންސަރު ޖެހުން ހިމެނެ އެވެ.

އަވިން ހަންގަނޑު އެނދުމުން އަގުބޮޑު ކޮސްމެޓިކް ބާވަތްތައް އުނގުޅުމުގައި ބަދަލުގައި އަމިއްލަ ފަރުވާއެއް ތައްޔާރުކޮށްލައިގެން ބޭނުންކޮށްލުމުން ކޮސްމެޓިކްސްގައި ހުންނަ ކެމިކަލްތައް ހަށިގަނޑަށް ވާސިލުނުވެ ސަލާމަތް ވެވޭނެ އެވެ.

ކިއުކަމްބާ، ރޯސް ވޯޓާ އަދި ލުނބޯ ހުތް ޕެކް

އަވީގައި ގިނައިރު އުޅުމުން މޫނު ކަޅުވެފައިވާ ނަމަ ދޭން އެންމެ ރަނގަޅު އެއް ފަރުވާ އަކީ ކިއުކަމްބާ އާއި ލުނބޯ އެއްކޮށްގެން ތައްޔާރުކޮށްލެވޭ ފަރުވާ އެކެވެ. މި ދެ ބާވަތަކީ ގުދުރަތީ ގޮތުން ހަންގަނޑުގެ ކުލަ އަލިކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އެއްޗިއްސެވެ. ލުނބޯ ހުތުގައި ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް ހުރެ އެވެ. މިއީ ކުލައަލިކޮށްދިނުމަށް ވަރަށް މުހިއްމު ދެ ބާވަތެކެވެ. ވިޓަމިން ސީ އަކީ ވަރަށް ބާޜުގަދަ އެންޓިއޮކްސިޑަންޓް އެކެވެ. ފްރީ ރެޑިކަލްސްގެ ސަބަބުން ހަންގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކޮށްދީ ހަމުގައި ހުރި ލައްތަކާއި ރޫތައް ފިލުވާލައި ހަންގަނޑު އަލިކޮށްލުމަށް ރަނގަޅު އެއްޗެކެވެ. ކިއުކަމްބާގެ ޖޫހާއި ރޯސް ވޯޓާ އެއްކުރުމުން ހަންގަނޑުގެ ފިނިކަން އިތުރުވެ އެވެ. އަދި އޮމާންކަމާއި ރީތިކަން ލިބެ އެވެ.

• ކިއުކަމްބާ ޖޫހާއި ލުނބޯ ހުތް އަދި ރޯސް ވޯޓާ ކޮންމެ ވައްތަރަކުން މޭޒުމަތީ ސަމުސަލެއްގެ އެއްޗެހި ބޯތައްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. މޫނުގެ އަނދާފައިވާ ހިސާބުތަކުގައި ކަފަކޮޅަކުން ނުވަތަ ފިއްސަކުން، ތައްޔާރުކުރި މިކްސް އުނގުޅާށެވެ. އަދި 10 މިނިޓް ބެހެއްޓުމަށް ފަހު ފިނި ފެނުން ދޮވެލާށެވެ. އަވީގައި އުޅެފައި ގެއަށް އަންނަ ކޮންމެ ދުވަހަކު ވެސް މި ފަރުވާ ހޯދަން ރަނގަޅެވެ.

ރީނދުލުގައި ހަންގަނޑު ރީތިކުރުމަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ
ރީނދުލުގައި ހަންގަނޑު ރީތިކުރުމަށް ބޭނުންވާ މުހިއްމު މާއްދާތަކެއް އެކުލެވޭ

ބޭސަން (ގްރާމް ފްލާ) އާއި ރީނދޫ ފޭސް ޕެކް

މިއީ ހަމުގެ ކުލަ އަލިކުރުމަށާއި ސްކްރަބް ކުރުމަށް ރަނގަޅު ފަރުވާ އެކެވެ. ރީނދުލަކީ ހަންގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ހަންގަނޑުގެ އުޖާލާކަން އިތުރުވެ ހަންފޮޅުން ހުއްޓި އަދި ކުލަ ވެސް އަލިވާނެ އެވެ. ގްރާމް ފްލާ އަކީ މަރުވެފައިވާ ހަންތައް ނައްތާލާ ހަންގަނޑު ރީތިކުރާ އެއްޗެކެވެ.

• މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ބޭސަން އާއި ދެއިނގިލި ކުރިން ހިފޭ ވަރުގެ ރީނދޫކޮޅެއް، 1 މޭޒުމަތީ ސަމުސާ ތާޒާ ކިރު، މޭޒުމަތީ ސަމުސަލެއްގެ ޗިސްކޮށްފައި ހުރި އޮރެންޖު ތޮށި ފިނިކޮށްފައި ހުރި ރޯސް ވޯޓާ ކޮޅަކާ ރަނގަޅަށް އެއްކުރާށެވެ. މޫނު ސާފުކުރުމަށްފަހު މި ޕޭސްޓް އުނގުޅާފައި 20 މިނިޓް ބަހައްޓާށެވެ. މާބޮޑަށް ހިކިފައި ހުރި ހިސާބުތަކަށް ފެންފޮދެއް ޖަހައި ތެންމާލައިގެން ޕޭސްޓްތައް ސާފުކުރާށެވެ. ގަޑީގެ ކަށި އެނބުރޭ ކޮޅަށާއި އެއާ އިދިކޮޅަށް ވައްބުރަކަށް ވާގޮތަށް ސްކްރަބް ކުރަމުން ޕޭސްޓްތައް މުޅީން ސާފުކުރާށެވެ. ދެ ދުވަހުން އެއް ދުވަހު މި ފޭސް ޕެކް ބޭނުންކުރާށެވެ.

ފަޅޮލާއި މާމުޔަކީ ވެސް ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެއް
ފަޅޮލާއި މާމުޔަކީ ވެސް ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެއް

ފަޅޮލާއި މާމުއިގެ ފޭސް ޕެކް

ފަޅޮލުގައި ހަންގަނޑު އަލިކޮށްދޭ އެންޒައިމްއެއް ހުރެ އެވެ. ފަޅޮލުގައި ހުންނަ ޕަޕެއިން ކިޔާ އެންޒައިމްއަކީ ހަންގަނޑުގެ ކުލަ އަލިކޮށްދީ އަވިން އަނދާފައިވާ ހިސާބުތަކާއި ލަކުނުތައް އަދި އެނޫން ވެސް މޫނުގައިވާ އެކި ކަހަލަ ނިޝާންތައް ފިލުވާލަން އެހީތެރިވެދާނެ އެއްޗެކެވެ.

މާމުޔަކީވެސް ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. ތުންފަތް ކުރަކިވެ ފަޅައިގެން ދިއުމުން ވެސް ވަރަށް ކުރީ ޒަމާނުއްސުރެ މާމުއި ބޭނުން ކުރެ އެވެ. މާމުއި ބޭނުންކުރުމުގެ ހަންގަނޑު މޮއިސްޗަރައިޒްވެ މަޑުވާނެ އެވެ. • ބައި ޖޯޑު ދޮން ފަޅޯ (އެތެރޭގައިވާ ބައި ކަހާލުމަށްފަހު) ރަނގަޅަށް ޗިސްކޮށްލާށެވެ. އަދި މޭޒުމަތީ ސަމުސަލެއްގެ މާމުޔާ ރަނގަޅަށް އެއްކުރާށެވެ. މޫނުގައި އުނގުޅާފައި 30 މިނިޓް ބަހައްޓާފައި ރީއްޗަށް ފެނުން ދޮވެލާށެވެ.

ޓޮމާޓޯ ހޭކުމުން ފުރަތަމަކޮޅު ކުޑަކޮށް ހިރުވާގޮތް ވިޔަސް ފަހުން ރަނގަޅުވޭ
ޓޮމާޓޯ ހޭކުމުން ފުރަތަމަކޮޅު ކުޑަކޮށް ހިރުވާގޮތް ވިޔަސް ފަހުން ރަނގަޅުވޭ

ޓޮމާޓޯ، ޔޯގަޓް އަދި ލުނބޯ ހުތް ފޭސް ޕެކް

ލެމަން ޓީ އަހަރެމެން ބޮނީ ބަރުދަން ލުއިކުރުމަށް ކަމަށް ވިޔަސް މިއީ ހަންގަނޑަށް ވެސް ވަރަށް ބަރާބަރު އެއްޗެކެވެ. ހަންގަނޑު އަލިކޮށްދޭނެ ވަރަށް ރަނގަޅު ބާވަތްތަކެއް މި ފޭސް ޕެކްގައި ހިމެނިފައިވެ އެވެ. ޓޮމާޓޯ، ޔޯގަޓް އަދި ލުނބޯ ހުތް މިއީ ހަންގަނޑަށް ރީތިކަމާއި ތާޒާކަން ގެނުވާނެ އެއްޗެކެވެ.

• ދޮން ޓޮމާޓޯގެ އެތެރޭގައިވާ މަޑުބައި ދެ މޭޒުމަތީ ސަމުސާ ހުންނަހާ އެއްޗެހި މޭޒުމަތީ ސަމުސަލެއްގެ ލުނބޯ ހުތާއި ހަމަ އެހާ ޔޯގަޓް ބޯތައްޓެއްގައި ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި ހާކާށެވެ. ތިރީސް މިނިޓް ބަހައްޓާފައި ފިނި ފެންފޮދަކުން ދޮވެލާށެވެ. ކުޑަކޮށް ކަށިހަރާ ކަހަލަ ގޮތެއް ޓޮމާޓޯ ޖޫހުން އިހްސާސް ކުރެވިދާނެ އެވެ. އަދި މި ފޭސް ޕެކް ހޭކުމާ އެކު ހިރުވާ ކަހަލަ ގޮތެއް ވެސް ވެދާނެ އެވެ. ނަމަވެސް ގަވާއިދުން އުނގުޅަން ފެށުމުން އެކަން ހަމަޔަކަށް އެޅޭނެ އެވެ.

އަވީގައި އުޅޭނަމަ ހަންގަނޑުގެ ކުލަ ބަދަލުވެ ތަފާތު މައްސަލަތައް ދިމާވޭ
އަވީގައި އުޅޭނަމަ ހަންގަނޑުގެ ކުލަ ބަދަލުވެ ތަފާތު މައްސަލަތައް ދިމާވޭ

އަލޫ ވެރާ، ރަތްމުގު، ޓޮމާޓޯ ފޭސްޕެކް

• މޭޒުމަތީ ސަމުސަލެއްގެ ރަތް މުގު ފެންފޮދެއްގައި ފޯކުރަން ބަހައްޓާށެވެ. ވިހި މިނިޓް ބެހެއްޓުމަށް ފަހު ފެން ޖަހައިގެން ފުނޑާލާ ޕޭސްޓް ހަދާށެވެ. މި ޕޭސްޓް ހުންނަންވާނީ ތަންކޮޅެއް ރާޅުކޮށެވެ. ތާޒާ އަލޫ ވެރާ ޖެލް ކޮޅަކާއި އެއް ސައިސަމުސާ ޓޮމާޓޯގެ އެތެރެބައި މި ޕޭސްޓަށް އެއްކޮށް ރަނގަޅަށް ގަށާލާށެވެ. އަދި މޫނުގައި ހާކާފައި 20 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އޮރެންޖް ޖޫހާއި ޔޯގަަޓް ފޭސް ޕެކް
އޮރެންޖް ޖޫހާއި ޔޯގަަޓް ފޭސް ޕެކް

އޮރެންޖް ޖޫހާއި ޔޯގަޓް ފޭސްޕެކް

• އޮރެންޖް ޖޫހާއި ޔޯގަޓް ކޮންމެ ވައްތަރަކުން މޭޒުމަތީ ސަމުސަލެއްގެ އެއްޗެހި އެއްކޮށްފައި މޫނުގައި ހާކާށެވެ. އަދި 30 މިނިޓް ބަހައްޓާފައި ދޮވެލާށެވެ.

އަލުވި އަދި ލުނބޯ ހުތް ފޭސް ޕެކް

ހަންގަނޑު އަލިކުރުމަށް އަލުތްވަކީ ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. ޚާއްސަކޮށް އަވިން ހަންގަނޑު އެނދުމުން އަލުވީގެ ފަރުވާ ހޯދުމުން ވަރަށް އަވަހަށް ނަތީޖާ ފެނެ އެވެ. • އެއް އަލުވި ރަނގަޅަށް ގްރައިންޑަރަކުން މުގުރާލުމަށް ފަހު އޭގެ ދިޔަކޮޅު ނަގާށެވެ. އަދި މޭޒުމަތީ ސަމުސަލެއްގެ ލުނބޯހުތާ އެއްކޮށްފައި މޫނުގައި ހާކާށެވެ. އަދި 30-40 ވަރަކަށް މިނިޓް ބަހައްޓައި ރަނގަޅަށް ހިކުމުން ފިނި ފެނުން ދޮވެލާށެވެ.

ކެލާ: ހަމުގެ ގިނަ މައްސަލަތަކަށް ފަރުވާ ލިބޭ އެއްޗެއް
ކެލާ: ހަމުގެ ގިނަ މައްސަލަތަކަށް ފަރުވާ ލިބޭ އެއްޗެއް

ކެލާ އާއި ކާށި ފެނުގެ ފޭސް ޕެކް

ކެލަޔަކީ ހަމުގެ ހުރިހާ މައްސަލައަކަށް ވެސް ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު އެއްޗެކެވެ.

• މޭޒުމަތީ ސަމުސަލެއްގެ މުގުރާފައި ހުރި ކެލާ ފުށް ކާށިފެންފޮދެއް ޖަހައިގެން ރަނގަޅަށް ގަށާ ޕޭސްޓް ތައްޔާރުކުރާށެވެ. އަދި އާމަންޑް އޮއިލް ދެތިން ތިކި ޖަހާލާށެވެ. މޫނާއި ކަރުގައި އުނގުޅާފައި 20 މިނިޓް ބަހައްޓާފައި ދޮވެލާށެވެ.