ހަފްތާ ރެސް އަށް ރައީސް ޒިޔާރަތް ކުރައްވައިފި

ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ސަރުކާރުން ބޭއްވުމަށް ހަމަޖެހިފައިވާ މުނިފޫހިފިލުވުން އަދި މާކެޓް 'ހަފްތާ ރެސް" މިރޭ އިފްތިތާހު ކުރުމުން އެތަން ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފި އެވެ.


ކޮންމެ ހަފްތާއެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ވީކެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ގެނެސްދިނުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ރިޔާސީ ވައުދެކެވެ.

ހަފްތާ ރެސްގައި މިރޭ އަލިފާނުގެ ކުޅިވަރުތައް ދައްކައިލަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދާ ހަފްތާ ރެސް އަށް ރައީސް ޒިޔާރަތް ކުރައްވާ އެތަނުގައި ހިންގާ އެކިއެކި ސްޓޯލްތައް ވަނީ ބައްލަވައިލައްވައިފަ އެވެ.

ހަފްތާ ރެސް މިރޭ އިފްތިތާހު ކޮށްފައި ވަނީ އަލިފާނުގެ ކުޅިވަރަކުންނެވެ. އަދި އަލަށް ނުކުންނަ ފަންނާނުންނަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މިއުޒިކް ޝޯއެއް ވެސް ކުރިއަށްދެ އެވެ.

ހަފްތާ ރެސްގައި ބަހައްޓާ 60 ސްޓޯލްގައި ވިއްކާނީ ކާބޯތަކެއްޗާއި މުދަލެވެ. ޔޫތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހަފްތާ ރެސްގައި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި ސްޓޯލްތައް ދޫކުރުމުގައި ނުކުޅަދުންތެރިކަން ހުންނަ ވިޔަފާރިވެރިންނާއި އަންހެނުންނަށް އިސްކަން ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ހަފްތާ ރެސްގައި ބަހައްޓާފައިވާ ވިޔަފާރި ސްޓޯލެއްގައި މިއަދު ހަވީރު ބަޔަކު ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ހަފްތާ ރެސްގައި ބައިވެރިވުމަށް މިހާރު ފޯމެއް ހުށަހަޅަންޖެހެ އެވެ. ނަމަވެސް ވަރަށް އަވަހަށް ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް ހަފްތާ ރެސްގައި ބައިވެރިވެވޭނެ އެވެ.