މިއީ ސާފު ތެދުވެރި ލޯތްބެކެވެ. ހިތް އެދޭ ހުރިހާ ރަހަތަކެއް ލިބޭނެ އެވެ. އެހެން އިހްތިޔާރަކާ މެދު ވިސްނާނެ ކަމެއް ވެސް ނެތެވެ. ހަވީރު ފިންޏަށް ލޯބިވެރިޔާއާ އެކު ނުވަތަ އެކުވެރިންނާއި އާއިލާއާ އެކު ބުރު ޖަހަން ނިކުތަސް، ހުޅުމާލެ ކުޑަކުރަން ދިޔަޔަސް އުފާވެރިކަމުން ދަތުރު ނިންމައިދޭނެ ލޯތްބަކަށް ވާނީ ޕިއްޒާ ބޯނާ އެވެ.

މިއީ މާފަންނުކޮޅުގައި އެހެރަ ހުދުމާ ކައިރިން ދެކުނަށް އޮންނަ ގޯޅި ތެރޭގައި އަދި މަޖީދީމަގުން ހުރި ގޮތަށް ހެންވޭރަށް ގޮސް ސޯސަންމަގު ކަންމައްޗަށް އެހެރަ ޕިއްޒާ ބޯނާގެ ބަދިގެއިން ނެރެގެން ގެންދާ މީރު ޕިއްޒާގެ ވާހަކަ އެވެ. ހުޅުމާލޭ އައުޓްލެޓް ވެސް އެހާ ފުރިހަމަ އެވެ.

އަހަރެމެން ވެސް ބްރިޖުން ދުން ޖަހާފައި ގޮސް މަޑުކޮށްލީ ހުޅުމާލޭގައި ހުރި ޕިއްޒާ ބޯނާ ކުރިމައްޗަށެވެ. މެންދުރުފަސްވެ ހަވީރު ފިނި ޖެހެނީ އެވެ. އާއިލާތަކާއި ލޯބިވެރިންނާއި ފުރާވަރުގެ ގުރޫޕުތަކުން އެތަން ފުރާލާފައި އޮތުމުން މިތަނުގެ ޕިއްޒާ އަށް އޮތް ލޯބި ފެނެ އެވެ.

އޭސީކޮށްފައި އޮތް ބަޔަކާއި އޯޕަން އެއާ ބައެއް ވެސް އޮތެވެ. މޭޒެއްގެ ދޮށުގައި ހަމަޖެހިލުމާއެކު ވެއިޓަރު ގެނެސް ހުޅުވާލި މެނޫއަށް ބަލަން އިނދެވުނީ ގެންނާނެ ޕިއްޒާއެއް ނޭނގިގެންނެވެ. ޗިކަން، ބީފް، ވެޖިޓެބަލް، ސީފުޑް މިހެން ގޮސް ހުރިހާ ވައްތަރެއް އެއްކޮށް ގުނާލިއިރު 35 ފްލޭވާ އެބަހުއްޓެވެ. ނާގަފަ ނުނަގާނެ އެއްޗެއް ނޭނގުމުން އެހީވީ ހިނިތުންވުމަކާ އެކު ގާތްކޮށްލި ވެއިޓަރެވެ. އޭނާ ބުނީ އެއް ޕިއްޒާއަކުން އެކި ރަހަތައް ވެސް ލިބިދާނެ ކަމަށެވެ. އެކި ފޮތީގައި އެކި ރަހަ އެވެ. ސަޅިއެއް ނޫން ހެއްޔެވެ.

ނަޓެއްލާއިން ތައްޔާރުކުރާ ޗޮކްލެޓް ޕިއްޒާ ވެސް އެބަހުއްޓެވެ. ކުދިވެރިންނަށް ވަރަށް ފައްކާވާނެ އެވެ. އެއިން ވެސް ހަމަ ތިން ސައިޒުގެ ޕިއްޒާ ލިބޭނެ އެވެ. ޕާސަނަލް، ރެގިއުލާ އަދި ސްކޮޔާ އެވެ. އަގުތައް 100 އިން ފެށިގެން 180 އަށްވުރެ މައްޗަކަށް ނުދެ އެވެ. އެހެންވީމާ މިއީ މަހުގެ ފަހުކޮޅު، ގްރޫޕު ހަަދާފައި އެންމެން "ޗަންދާ" ދައްކައިގެން ވެސް ކާލެވޭނެ ޕިއްޒާ އެވެ.

ޕިއްޒާ ބޯނާ: އެ ތަނުގެ ޚިދުމަތްތައް މިހާރު އޮންލައިން ކޮށް ލިބޭނެ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ޕިއްޒާ ބޯނާ: އެ ތަނުގެ ޚިދުމަތްތައް މިހާރު އޮންލައިން ކޮށް ލިބޭނެ.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދެން ދަހިކޮށްލީ މާ ހާއްސަ ސަބްމެރީން އަކުންނެވެ. ޕިއްޒާއަށް ހާއްސަ އެތަނުގައި ފަސް ފްލޭވާއެއްގެ ސަބްމެރީން އެބަހުއްޓެވެ. ޗިކަން، ބާބަކިއު ޗިކަން، ތަންދޫރީ ޗިކަން، ބީފް، ޓޫނާ، ވެޖިޓެބަލް އަދި ޕިއްޒާ ބޯނާ ސްޕެޝަލް އެވެ.

މެނޫގެ އެންމެ ފަހަތު ގަނޑު ހާއްސަކޮށްލާފައި އޮތީ އެކި ކުލަތަކާއި ރަހަތައް އެކުލެވޭ މީރު ބުއިންތަކެވެ. ސޮފްޓް ޑްރިންކްސް އާއި ފާޑުފާޑުގެ މޮހިޓޯތައް އަދި މިލްކުޝޭކުތަކެވެ. ކުލަގަނޑާ އެއްވަރަށް ރަހަ ވެސް ވަރަށް ރަނގަޅެވެ.

އޯޑަރުކުރި ޕިއްޒާތައް ހޫނުހޫނުކޮށް ގެނެސް މޭޒުމަތީގައި އަތުރާލައިގެން ގޮތްގޮތަށް ފޮޓޯ ނަގައި ސްނެޕަށް ދޫކޮށްލައި ސަޅިކަނޑާލާ ވަރުވެ އެވެ. ޕިއްޒާގެ މީރު ރަހަގަނޑު ފޭދިގެންދާއިރު އެއީ އާދައިގެ ފުށްގަނޑެއް ނޫންކަން ޔަގީނެވެ. އެމީހުންގެ ހާއްސަ ޗިލީ އޮއިލް އަޅާލައިގެން ޕިއްޒާއެއް ކާލައިގެން ދެވަނަ ފަހަރަށް ވެސް އަންނާނެ އެވެ.

ސަބްމެރީން ވެސް ވަކި ދުލެއް ނުކުރެ އެވެ. އެންމެ ހާއްސަކޮށް ބޯނާ ސްޕެޝަލް އެވެ. ސަބްމެރީނެއް ކާލަން އެންމެ އަވަހަށް ބޭނުންވާ ފަހަރަކު މިތަނަށް ދާށެވެ. "ޓޯޓަލީ ވޯތު" އެވެ. ޗީޒާއި ތަރުކާރީތައް އަޅާލައިގެން ގެނެސްފައި ހުރީ މި މާލެއިން ލިބޭނެ ހަމަ އެންމެ މީރު ޕިއްޒާ އެވެ.

މި މީހުން ޕިއްޒާ ތައްޔާރުކޮށްފައި މި ހުންނަނީ ބޭރުން ގެނެސްފައި ހުންނަ އެކަމަށް ހާއްސަ ފުށެއްގަ އެވެ. ބޭނުންކުރާ ޗީޒަކީ ޔޫކޭއިން ގެންނަ ހާއްސަ މޮޒަރެއްލާ ޗީޒެވެ. ތަރުކާރީގެ ބާވަތްތަކާއި މޭވާ ގަންނަނީ ރާއްޖޭގެ ބާޒާރުން އެންމެ ތާޒާކޮށެވެ. މި ޕިއްޒާއެއް މިހާ މީރީ މިހެންވެ ކަމަށް ވެދާނެ އެވެ.

ކުރީކޮޅު، 2011 އާ ހިސާބުގައި މި ޕިއްޒާ ލިބުނީ ހަމައެކަނި އޯޑަރުކޮށްގެން ގެއަށް ގެންނާށެވެ. އައުޓްލެޓު ހުޅުވައި އެތަނަށް ގޮސް ޕިއްޒާގެ މީރު ރަހަގަނޑުގެ ތެރެއަށް ގެއްލި ހުސްވާން ފުރުސަތެއް ލިބުނީ 2016 ވަނަ އަހަރެވެ. އެއީ އެންމެ ކުރިން ހަމައެކަނި އޯޑަރުތައް ނަގައިގެން ހުރިތަނަކަށް ގެނެސްދޭ ޕިއްޒާ ކުންފުންޏެކެވެ. މިހާރު ތިން އައުޓްލެޓް ހުޅުވާލައިފި އެވެ.

ފޯނުގައި ލާރި ނެތިގެން ނުވަތަ އަތުގައި ފައިސާ ނަގާފައި ނެތިގެން ބަނޑުހައިވެގެން ހުންނާނެ ކަމެއް ވެސް ނެތެވެ. ޕިއްޒާބޯނާ އެޕްލިކޭޝަން ފޯނަށް އަޅައިގެން އޮންލައިންކޮށް އޯޑަރުދީ ހުރިހާ ކަމެއް ނިންމާލަންވީ އެވެ. ކޭޝް ޓްރާންސްފާއެއްކޮށްލައިފައި ރިސިޕްޓްކޮޅު ފޮނުވާލަންވީ އެވެ. އެހެން ނޫނީ ކާޑް މެޝިނަށް ރިކުއެސްޓްކޮށްލަން ވީ އެވެ. އަޅެ ފަސޭހައެއް ނޫން ހެއްޔެވެ.

އޮފީހުގައި ތިބެގެން ލަންޗު ނަގަން ބޭނުންވާ ދުވަސްތަކުގައި އަދި ފެމެލީ އާއި ރައްޓެހިންގެ ގެޓް ޓުގެދާތަކަށް ސްކޮޔާ ޕިއްޒާ ގެންނަން ވެސް ރަނގަޅެއް ނޫން ހެއްޔެވެ؟ އެންމެ ލަސް ވެގެން 45 މިނެޓުތެރޭ ޕިއްޒާ ހުންނާނީ ގޭގަ އެވެ. ހޫނުކޮށެވެ. މިހެން ބުންޏަސް ޓްރެފިކް މާބޮޑަށް ބާރުބޮޑިއްޔާ ކުޑަކޮށް ލަސްވެދާނެ އެވެ. ނަމަވެސް އަދި އަހަރެމެންނަކަށް އެކަހަލަ ގޮތެއް ދިމައެއް ނުވެ އެވެ. ބަރާބަރު ގަޑިއަށް ނުވަތަ އެއަށްވުރެ އަވަހަށް ގެނެސްދެ އެވެ.

ވީކެންޑުގައި "ނެޓްފްލިކްސް އެންޑް ޗިލް" ގައި ވެސް ބައިވެރިޔަކީ މި ޕިއްޒާ އެވެ. ޕިއްޒާބޯނާ މިއީ އަހަރެމެންގެ "ނިއު ބެސްޓްފްރެންޑް" އެވެ.

މި މީހުންގެ ހިދުމަތަށް ފަސް ތަރި ދީފައި އަދިވެސް ފޮނި ކަނޑާލެވެން އެބަހުއްޓެވެ. ކިޔަންވީ ހެއްޔެވެ. ފުރަތަމަ ކަމަކަށް ޕްރޮމޯޝަންތަކެވެ. މިހާރު ވެސް އުޅެނީ "ހެޕީ އަވާ" ފަށައިގެންނެވެ. ހެނދުނު 8:30 އިން މެންދުރު 12ގެ ކުރިން އޯޑަރުކުރާ ކޮންމެ ޕިއްޒާ އެއް 99 ރުފިޔާއަށެވެ. ފަސްސަތޭކަ އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބޭނެ އެވެ. ދޭތެރެއަކުން ޓުވިޓާގައި ވެސް ހަމަ ހިލޭ ޕިއްޒާތައް ދޫކޮށްލަނީ އެވެ. ފޭސްބުކް އަދި ޓުވިޓާއިން ވެސް މި މީހުން ފޮލޯކޮށްލައްޗެވެ. ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ތި އެންމެނެކޭ އެއްވަރަށް ޕިއްޒާބޯނާ ވެސް އެކްޓިވްކޮށް އެބަ އުޅެ އެވެ. މިއީ ހަމަ ފޮންޏެއް ނޫންކަން ޔަގީންކޮށްލަން ޓްރައިކޮށްލަބަލާށެވެ.