ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމްއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެ މެޗުގެ ރެފްރީއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެ މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.
ވެސްޓް ހޭމް މެޗަށް ފަހު ކްލޮޕް ވަނީ އެ މެޗުގެ ރެފްރީ ކެވިން ފްރެންޑްގެ ނިންމުންތަކަށް ފާޑުކިޔައިފަ އެވެ. އެ މެޗުގައި ލިވަޕޫލުން ފުރަތަމަ ލަނޑު ޖެހިއިރު، ޖޭމްސް މިލްނާ ހުރީ އޮފްސައިޑްގަ އެވެ. އެ ނިންމުން ގޯސްކޮށް ދިއުމުން މުޅި މެޗުގައި ރެފްރީގެ ނިންމުންތަކަށް އަސަރުކުރި ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"އަހަންނަށް އިވުނު ގޮތު އަހަރެމެން ޖެހި ގޯލު އޮފްސައިޑް. އަހަންނަށް ޔަގީން އެކަން ރެފްރީ އަށް ވެސް އެނގޭނެކަން. އޭގެ ފަހުން 50-50 ގެ ހާލަތްތަކުގައި އަބަދުވެސް އަހަރެމެންނަށް ފައުލެއް ނުލިބޭ. ހުރިހާ ކަމެއް ދިޔައީ އިދިކޮޅު ޓީމަށް،" ވެސްޓް ހޭމް މެޗަށް ފަހު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ.
މެޗު ނިމުމުން ކްލޮޕް ވަނީ ދަނޑު މައްޗަށް އަރާ ރެފްރީ ކެވިން ފްރެންޑާ ވާހަކަ ދައްކައިފަ އެވެ. އަދި އޭނާގެ ޝަކުވާތައް ކެވިންއާ ހިއްސާކުރި އެވެ.
ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ގޯހެއް ހެދުމުން އިތުރަށް އެކަން ފޫބައްދަން އިތުރު ގޯސްތަކެއް ހެދުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އިންސާނުންނަށް ގޯސްހެދޭނެ. މިސާލަކަށް އަހަންނަށް ފުރަތަމަ ހާފުގައި ގޯހެއް ހެދުނީ އެކަން އެހެން ގޮތަކަށް ބަދަލުކުރެވޭތޯ އަހަރެން އިތުރު ގޯސްތަކެއް ހެދުން އެއީ ރަނގަޅު ގޮތެއް ނޫން. ރެފްރީންނަކީ ވެސް އިންސާނުން. މެޗުގެ ތެރޭގައި އެ ގޯލު އޮފްސައިޑް ނޫންކަން ފުރަތަމަ އަހަންނަށް ނޭނގޭ. އެކަމަކު ރެފްރީ އަށް އެކަން އެނގުނު ހިސާބުން ހުރިހާ ކަމެއް ދިޔައީ ވަކި ކޮޅަކަށް،" ކްލޮޕް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން އިނގިރޭސި އެފްއޭ އިން ވަނީ ކްލޮޕް ދެއްކި ވާހަކަތަކާ ބެހޭގޮތުން ލިޔުމަކުން ޖަވާބުދާރީވާން އަންގައިފަ އެވެ. މި މައްސަލައިގައި ކްލޮޕް އުސޫލާ ހިލާފަށް ރެފްރީންނަށް ފާޑުކިޔާފައިވާނަމަ އޭނާ އަށް ފިޔަވަޅު އަޅާނެ އެވެ. ރެފްރީ އަށް ފާޑުކިޔައިގެން މީގެ ކުރިން ކޯޗުންނަށް ވަނީ ބެންޗަށް ނާދެވޭ ގޮތަށާއި ދަނޑަށް ނުވަދެވޭ ގޮތަށް ވެސް ސަސްޕެންޑްކޮށްފަ އެވެ.