އދ. އިން ރާއްޖެއަށް އިންސާނީ ހައްގުތަކާ ބެހޭ މުޝީރެއް ކަނޑައަޅަނީ

އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކޮށް ރާއްޖެއަށް ލަފާ ދިނުމުގެ ގޮތުން އެ ދާއިރާގެ މުޝީރެއް އދ. އިން ރާއްޖެއަށް ހަމަޖައްސާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ރާއްޖެ އަށް ފޮނުވި ވަފުދު އިއްޔެ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކޮށްފަ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން "ކުރާނެ އެއް ކަަމަކީ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ މުޝީރެއް ރާއްޖެއަށް ކަނޑައެޅުމެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އެއީ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިވެ ލަފާ އެރުވުމަށް ކަނޑައަޅާ މުޝީރެކެވެ."

ރާއްޖެ ޒިޔާރަތްކުރި ވަފުދުން ވަނީ، ޝާހިދުގެ އިތުރުން، ބައެއް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. މާޗް ތިނެއްގައި ރާއްޖެ އައި ވަފުދުގައި އިސްކޮށް ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުގެ އިސް ވެރިއެއް ކަމަށްވާ މޯނާ ރިޝްވާމީ އެވެ.

އދ. ގެ މަސްއޫލިއްޔަތުތަކުުގެ ތެރޭގައި ހިމެނޭ ކަންކަން ބަލައި، އެ ދާއިރާތަކުން ރާއްޖެ އައިސް މަސައްކަތްކުރުމުގެ ފުރުސަތު ދޭން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް، ޝާހިދުގެ ބައްދަލުވުމުުގެ މަޝްވަރާތަކަށް ބިނާކޮށް، ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އދ.ގެ ވަފުދު އައީ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އެހީތެރިވެވޭނެ ދާއިރާތައް ދެނެގަތުމަށެވެ. ވަފުދުން ރާއްޖޭގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުންގެ އިތުރުން ރިޔާސީ ބައެއް ކޮމިޝަންތަކުގެ މެމްބަރުންނާ ވެސް ބަދަލުކުރި އެވެ. އެގޮތުން ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަ ބަލާ ކޮމިޝަނާއި ޖަލު އޮޑިޓް ކޮމިޓީގެ މްމަބަރުންނާ މަޝްވަރާކުރި އެވެ.

އެ ވަފުދުން ވަނީ ރާއްޖޭގައި މީހުން ބަންދުކޮށްފައި ބައިތިއްބާ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ވެސް ބަލައިފަ އެވެ.