އައްޑޫ ލިންކް ރޯޑު ރަނގަޅުކުރުމުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައި: ކައުންސިލް

އައްޑޫ ލިންކް ލިންކް ރޯޑްގެ ސަލާމަތީ ކަންކަން ރަނގަޅުކުރަން ޓްރާންސްޕޯ މިނިސްޓްރީން ދިން ތަކެތި ބޭނުންކޮށްގެން މަގުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މޫސުން ތަން ދޭ ނަމަ މި ހަފުތާގެ ތެރޭގައި މަގުމަތީގައި ކުރަން ޖެހޭ މަސައްކަތްތައް ފަށާނެ އެވެ.

ކައުންސިލުން މިހެން ބުނެފައި ވަނީ މިނިސްޓްރީން ތަކެތި ދިންތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް މަސައްކަތް ނުކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރު ހަސަން ނަޒީރު ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ ލިންކް ރޯޑްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މަގުގެ އަރިމަތީގައި ޖަހާ ރިފްލެކްޓާ އާއި ޑިވައިޑާސްގެ އިތުރުން ދުވެލި މަޑުކުރުމަށް ހުންނަން ޖެހޭ އެހެނިހެން އާލާތްތަކާއި މަގު އިތުރަށް އަލިކުރަން ބޭނުންވާ ސާމާނު ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ ކުރިން ކައުންސިލާ އެކު ބޭއްވި ބައްދަލުވުމެއްގައި، ރޯދަ މަސްތެރޭ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ވެސް ކައުންސިލުން ދިން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ އަދަދެއްގެ އެއްޗެހި ހޯދައިދެވިއްޖެ. އެ މަގު [ލިންކް ރޯޑް] ގެ ރައްކާތެރިކަން މިހާރު ހުރި ވަރަށް ވުރެ އިތުރަށް ގެނައުމަށްޓަކައި. ކަންތައްތަކެއް ކުރަން އައްޑޫ ސިޓީ ކައުންސިލާ މިހާރު ވެސް ވަނީ ހަވާލު ކުރެވިފައި،" ނަރީޒު ވިދާޅުވި އެވެ. "ރޯދަ މަސް ފެށުމުގެ ކުރިން އަޅުގަނޑުމެން އައްޑު އަށް ގޮސް ދެކެވުނު ވާހަކަަތަކުގައި އަޅުގަނޑުމެންނަށް ޕްރޮމިސް ކުރެވިފައި އޮތީ ރޯދަ މަސްތެރޭގައި، ރިފްލެކްޓަސްތަކާއި ޑިވައިޑާސްތަކާއި އަދި ސްޕީޑް މަޑު ކުރުމަށްޓަކާ ޖަހަން ޖެހޭ އެއްޗެތި ޖެހުމުގެ ކަންތަށް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް."

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރުމުން، ލިންކް ރޯޑް ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް އެޅޭނެ އެވެ. އައްޑޫ ލިންކް ރޯޑަކީ އެކްސިޑެންޓްތައް ހިނގުން އާންމު އަދި ރާއްޖޭގައި މިހާތަނަށް އެންމެ ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގާފައިވާ މަގެވެ.

ދެހާސް ތިނެއްގައި އެ މަގު ބޭނުންކުރަން ފެށި ފަހުން ހިނގި އެތައް ހާދިސާއެއްގައި އެތައް ބަޔަކު މަރުވެފައިވެ އެވެ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މިދިޔަ މަހު ވެސް މީހަކު މަރުވި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ލިންކް ރޯޑްގެ އެންމެ ބޮޑު އެއް ބެންޑް އޮންނަ ވެމްކޯގެ ކުނިކޮއްޓާ ދިމާލުގަ އެވެ. އެ ހާދިސާއާ ގުޅިގެން ކައުންސިލުން ވަނީ ކުނިކޮށީގެ މައި ގޭޓް އެހެން ދިމާލަކަށް ބަދަލުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.