ކުރިއަށް އޮތް ފިތުރު އީދަށް ރަށަށް ދާން ފޮށިތަންމަތި ތައްޔާރުކުރަން އެއްބަޔަކު އުޅުނަސް، މި އަންހެން ގްރޫޕު އަވަދިނެތި މިއުޅެނީ ހަދިޔާތަކެއް ހިފައިގެން ބަޔަކަށް ސަދަގާތް ކުރަން ދާށެވެ. ވަޅު އީދުދުވަހު މާލެއިން ފުރައިގެން ހަދިޔާތަކާއެކު ދާން ރާވާފައި އޮތީ ކ.ގުރައިދޫގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށެވެ.

މިއީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑާސްގެ ގޮފިން އިސްނައިގައިގެން ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ދިމާކޮށް ހިންގާ ޕްރޮޖެކްޓެކެވެ. "އެނިއުއަލް އީދު ޕްރޮޖެކްޓް" ނުވަތަ"ގުރައިދޫ ޓްރިޕް" މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ މިއީ 20 ވަނަ އަހަރެވެ.

"މެދުކެނޑުމެއްނެތި މިކަން ކުރާތާ 20 އަހަރު މި ފުރެނީ. މި ޕްރޮޖެކްޓްގެ އެންމެ ސަޅި ތަންކޮޅަކީ ހުސް ޒުވާން އަންހެން ކުދިންވެގެން މި ޕްރޮގްރާމްގެ ހުރިހާ ކަމެއްވެސް ކުރާނީ،" މި ޕްރޮޖެކްޓް ގެ ވާހަކަތައް ކިޔައިދެމުން ކޮމިޝަނާ އޮފް ޕަބްލިކް ރިލޭޝަންގެ ފިރާޝާ މުހައްމަދު (ފިރާ) ބުންޏެވެ.

މި ޕްރޮޖެކްޓްގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ ލީޑަރުން އަމިއްލައަށް --
މި ޕްރޮޖެކްޓްގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ ލީޑަރުން އަމިއްލައަށް --

ކޮންމެ އަހަރަކުވެސް ހަދިޔާތަކެއް ހިފައިގެން މި ގްރޫޕުން ކުރާ މި ދަތުރު ޔަންގް ލީޑާސް ގޮފިން ސިފަކުރަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި މި ހަރަކާތުގެ ސަބަބުން، މަރުކަޒުގައި ތިބޭ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށާ އެފަދަ މީހުންނަށް އޯގާތެރިވާން ދަސްވާ ކަމުގައި ހުރިހާ ލީޑަރުން ވެސް ދެކެއެވެ.

"ކޮންމެ އަހަރަކު އެކައްޗެއް ނޫން ހަދިޔާގެ ގޮތުގައި ދެނީ. އަޅުގަނޑުމެން މަރުކަޒަށް ގުޅާފަ އެހީމަ އެމީހުން ފޮނުވާނެ ލިސްޓެއް އެންމެ ބޮޑަށް ބޭނުންވާ އެއްޗެހީގެ. ދެން އެ ލިސްޓަށް ބަލައިގެން ޑޮނޭޝަންގެ ގޮތުގައި މީހުން ދޭ ލާރިން އެއްޗެހި ގަންނަނީ. ނޫނީ ބައެއް މީހުން ހަމަ ބެޑްޝީޓް ކަހަލަ އެއްޗެހި ޑޮނޭޓް ކުރީމަ އެވެސް ގިފްޓްސް ގޮތުގަ ދޭން،" ފިރާ ކިޔައިދިނެވެ.

"އެމީހުން (މަރުކަޒުގައި ތިބޭ މީހުން) އެންމެ ބޮޑަށް ބޭނުންވަނީ ނެޕީ އާ ބާލީހާ ހެދުމާ ބެޑްޝީޓް ކަހަލަ އާންމު ދިރިއުޅުމުގަ ކޮންމެ ދުވަހަކު މި ބޭނުން ކުރަން ޖެހޭ ކަހަލަ އެއްޗެހި. އެހެންވެ ބަލި މީހުންނަށް ބޭނުން ކުރެވޭ ކަހަލަ އެއްޗެހި ހަދިޔާގެ ގޮތުގައި ގެންދަނީ"

މަރުކަޒަށް ޑޮނޭޓް ކުރަން ތައްޔާރުކޮށްފައިވާ ހަދިޔާ ޕެކްތަކެއް --
މަރުކަޒަށް ޑޮނޭޓް ކުރަން ތައްޔާރުކޮށްފައިވާ ހަދިޔާ ޕެކްތަކެއް --

މި ޕްރޮޖެކްޓް ރޭވިފައި އޮންނަނީ މަރުކަޒުގައި ތިބޭ މީހުންނާއެކު މުޅި ވަޅު އީދު ދުވަސް ހޭދަ ކުރާ ގޮތަށެވެ. އެމީހުންގެ ބައިވެރިވުމުގެ މަތިން ގޭމް ޝޯތައް ކުޅުމާ، އެކުގައި މަޖާ ވަގުތު ތަކެއް ހޭދަކުރުމަށް ލިބޭ ފުރުސަތަކީ ކޮންމެ އަހަރަކުވެސް ލީޑަރުންނަށް ލިބޭ ތަފާތު ތަޖުރިބާއެކެވެ.

ޔަންގް ލީޑާސް ގްރޫޕުން ބުނީ މި ޕްރޮޖެކްްޓް މިހާ ކާމިޔާބުކޮށް ހިންގެނީ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީ އާ އެކުގައި ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ގިނަ ބައެއްގެ ޑޮނޭޝަންތައް ލިބޭނެ ކަމަށް އެ ގްރޫޕުން ތިބީ އުންމީދުކޮށްގެނެވެ.