ދިއްދޫ ކައުންސިލް އިދާރާ ދޮށުގައި މުޒާހަރާ

ހއ. ދިއްދޫ ކައުންސިލުން ބާއްވާ ފުޓްބޯޅަ މުބާރާތުގެ މެޗެއް ހޫނުވެ ހިނގި ތަޅާފޮޅުމަށް ފަހު އެކަމުގައި ބައިވެރިވި ދެ ޓީމު ޑިސްކޮލިފައި ކުރަން އެދި އެ ރަށު ކައުންސިލް އިދާރާ ކައިރީ މިރޭ މުޒާހަރާ ކޮށްފި އެވެ. އެކަމަކު، ފުލުހުން ވަނީ ވަކި ހިސާބަކުން އެ އެއްވުން ރޫޅާލައި އެ އެންމެން އެ ސަރަހައްދުން ފޮނުވާލައިފަ އެވެ.


ދިއްދޫ މުބާރާތުގައި ކުޅޭ ކުޅުންތެރިއަކު "މިހާރު" އަށް މިރޭ ބުނީ ޓީމްތައް ކައުންސިލަށް ދިޔައީ މުބާރާތް އިތުރަށް ކުރިއަށް ގެންދިއުުމާ މެދު މަޝްވަރާ ކުރަން ކަމަށާއި މައްސަލަ ހޫނުވީ ތަޅާފޮޅި ދެ ޓީމް ޑިސްކޮލިފައި ނުކުރަން ކައުންސިލުން ނިންމުމުން ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން 200 އަށް ވުރެ ގިނަ މީހުން ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވި އެވެ. އެ މީހުން އެއްވެ ތިއްބައި ހޫނުވި މެޗުގައި ކުޅުނު ޓީމެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ކައުންސިލް އިދާރާގެ ތެރެއަށް ވަދެގަތް ކަމަށާއި އެކަން ހައްލު ކުރީ ފުލުހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުން މިހާރު ވަނީ ކައުންސިލް އިދާރާ ތެރެއަށް ވަދެގަތް މީހުން ދުރަށް ލާފައި. އެކަމަކު ކައުންސިލް އިދާރާގެ ކައިރީ އަދިވެސް 200 އަަށް ވުރެ ގިނަ މީހުން އެބަތިބި،" އޭނާ ބުންޏެވެ.

ކުޅުންތެރިޔާ ބުނިގޮތުގައި މުބާރާތުގެ ގަވައިދު ވެސް ތަންދޭތީ ރެފްރީންގެ ކޮމިޓީން ކުރިން ނިންމާފައި އޮތީ ތަޅާފޮޅި ދެ ޓީމާ ނުލާ މުބާރާތް ކުރިއަށް ގެންދަން ކަމަށާއި އެހެން ނަމަވެސް ކައުންސިލުން އެގޮތް ބޭނުން ނުވީ ކަމަށެވެ.

"ކައުންސިލުން ފަހުން ނިންމި ނިންމުމުގައި ރެފްރީންގެ ބަހެއް ވެސް ނެތް. މީހުން ބޮޑަށް ހިތްހަމަ ނުޖެހުނީ އެކަމާ،" މައުލޫމާތު ދިން މީހާ ބުންްޏެވެ.

މިކަމާ ބެހޭ ގޮތުން ދިއްދޫ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

ފުޓްބޯޅަ މެޗު ހޫނުވެ، ދިއްދޫގައި މިދިޔަ ހޯމަ ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގުމުގެ އިތުރުން މެޗް ކުޅުނު ދަނޑުގެ ޓާފު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މެޗު އޮފިޝަލުން ތިބޭ ބެންޗަށް ވެސް ގެއްލުން ދިނެވެ.