މި ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން ވެސް 20 މިނެޓް ތެރޭގައި އެއާޕޯޓަކަށް ދެވޭނެ ގޮތް ފަހިކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރުނބާ މޯލްޑިވްސްގައި ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެއް ތަނުން އަނެއް ތަނަށް ދާން ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ މި ސަރުކާރުގެ ވިސްނުމަކީ ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ފެރީގެ ހިދުމަތުގެ އިތުރުން އެއާޕޯޓްތައް ވެސް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާ އެކު ދެވޭނެ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއން މިހާރު އިތުރަށް ބޭނުންވަނީ ފަސް ވަރަކަށް އެއާޕޯޓް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް އެއާޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. އެގޮތުން ބައެއް އެއާޕޯޓްތައް މިހާރު ހުރީ ނިމުމުގެ މަގުމަތީގަ އެވެ.
ފަައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ހުރިހާ ރަށަކާ ވެސް ކައިރިން އެއާޕޯޓެއް ހެދުމުގެ އަމާޒަށް ވާސިލްވާން މަސައްކަތްކުރާނެ އެވެ.