ސުޕްރީމް ކޯޓުން ޖޭއެސްސީގެ އިހުތިސާސްގެ ތެރެއަށް ވަދެފައެއް ނެތް: ޑީޖޭއޭ

ސުޕްރީމް ކޯޓުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިހްތިސާސްގެ ތެރެއަށް ވަދެފައި ނުވާ ކަމަށް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލަތަކެއްގައި ޖޭއެސްސީން ވަނީ އެމަނިކުފާނު ސަސްޕެންޑު ކޮށްފަ އެވެ. އަދި ޖޭއެސްސީގެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަމުރުކޮށްފަ އެވެ.

އެކަމަކު، ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން، ސުޕްރީމް ކޯޓުން ވަނީ ޑީޑީގެ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އިތުރު އަމުރެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށެވެ. އަދި ގާނޫނުއަސާސީން މަޖިލިހަށް މަތިކޮށްފައިވާ ބާރަށާއި މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް މަޖިލިހުން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ވެސް ފާސް ކުރި އެވެ.

ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑީޖޭއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ، ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ހުރަސް އަޅާފައި ނުވާ ކަމަށެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިހްތިސާސް ގާނޫނުއަސާސީން ލިބިފައި އޮތީ ޖޭއެސްސީ އަށް ކަމަށާއި އެކަން ކުރަން އެ ކޮމިޝަނަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި އޮންނަނީ މައްސަލައެއް ނުބެލޭނެ ވާހަކައެއް ނޫން،" މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފުރަތަމަ އަމުރުގައި އޮންނަނީ ޖޭއެސްސީން މައްސަލަ ބެލުމުގައި ޑިއު ޕްރޮސެސްއާ ހިލާފަށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމުގެ ޝަކުވާ ޑީޑީ ހުށަހެޅުއްވުމުން އެކަންކަން ބެލެންދެން މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

އެއްވެސް މީހަކާ މެދު ޝަކުވާއެއް ނޫނީ ދައުވާއެއް އުފުލިގެން ވިޔަސް، އެމީހަކަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ގޮތެއް ނުނިންމޭނެ ކަމަށް މާޖިދު ވިދާޅުވި އެވެ. އެހެންވެ، މިކަހަލަ ކަންކަން ކުރިއަށް ދަނީ ރަނގަޅަށްތޯ ކޯޓުތަކުން ބަލާނެ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

"ދުސްތޫރުން ލިބިފައި ނެތް ބާރުތަކެއް ހިފައިގެން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓަކުން ނޫން،" ---މާޖިދު

"ސުޕްރީމް ކޯޓުގެ އެއްވެސް އަމުރަކާއި ނިންމާ ނިންމުމަކަށް ތަބާނުވެ، އެ ނިންމުމަށް ފުރަގަސްދީ، އަމަލު ނުކުރުމުގެ ބާރަކީ އޮންނަ ކަމެއް ނޫން،" މާޖިދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ، ހުރިހާ ފަރާތްތަކުން އެ ކޯޓުން ނިންމާ ނިންމުމަށް އަމަލު ކުރުން ލާޒިމް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރުއީ ސައްހަކަން ކަނޑައެޅުމަށް އެއްވެސް އިޖުރާއާތެއް ހިންގަން ދައުލަތުގެ އެއްވެސް ބާރެއް ގާނޫނުއަސާސީން ފުރުސަތު ދީފައި ނެތް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އަށް ހާޒިރުވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ދައުލަތުގެ އެއްވެސް އިދާރާއެއް، މުއައްސަސާއެއް، އެއްވެސް ފަރާތަކީ، މީހަކީ، ތަނަކީ ގާނޫނުގެ ހުކުމަށް ވުރެ މަތީގައި އޮންނަ ތަނެއް ނޫން. ކޮންމެ ފަރާތަކުން ވެސް އެބަޖެހޭ ގާނޫނަށް ޖަވާބުދާރީވާން. ގާނޫނުއަސާސީ އަށް ޖަވާބުދާރީވާން،" ސުޕްރީމް ކޯޓުގެ އަމުރުތައް ދިފާއު ކުރައްވައި މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގެ ހުކުމާ ހިލާފުވަމުން ދަނީ ސުޕްރީމް ކޯޓަކުން ނޫނެވެ. އަދި ގާނޫނުއަސާސީ އަށް ގޮންޖަހައި، ބާރު ކަނޑުވާލަނީ ސުޕްރީމް ކޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ގާނޫނުގެ ހުކުމާ ހިލާފު ވަނީ ކޮން ބައެއް ކަމެއް ސީދާ އޭނާ ވިދާޅެއް ނުވެ އެވެ.

"ދުސްތޫރުން ލިބިފައި ނެތް ބާރުތަކެއް ހިފައިގެން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓަކުން ނޫން،" މާޖިދު ވިދާޅުވި އެވެ.

ޑީޑީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލިހުން ފާސްކުރި ފަހުން، އެއާ ދެކޮޅަށް ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން އަމުރެއް އައި ކަމުގައި ވިޔަސް، ޑީޑީގެ މައްސަލަ ޖޭއެސްސީ ދަނީ ބަލަމުންނެވެ. އެގޮތުން ޑީޑީ ވަނީ ރޭގެ ވަގުތެއްގައި އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ޖޭއެސްސީން ބުނި ގޮތުގައި ޑީޑީގެ ގިނަ މައްސަލަތަކެއް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ސުލޫކީ މައްސަލަތަކުގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.