ގައިދީންނަށް އަނިޔާކުރުން ހުއްޓުވަން ބަދަލުތަކެއް ގެންނަނީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންތަކަކާ މެދު ޖަލު އޮފިސަރުން މިދިޔަ ބުރާސްފަތިދުވަހު ހިންގި ލާއިންސާނީ އަނިޔާ ސަރުކާރުން ބަލައިނުގަންނަ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖަލުގެ އިންތިޒާމްތަކަށް ބަދަލު ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި ގައިދީންނަށް އަނިޔާވުން ސަރުކާރުން ބަލައެއްނުގަންނަ ކަމަށެވެ. އެ ހަމަނުޖެހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަނިޔާކުރި އޮފިސަރުންނާ މެދު އެ ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.

"މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމްތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓާ މާލޭ ޖަލު: މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރި މައްސަލަ ކަރެކްޝަނަލް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުން. --ފޮޓޯ/މިހާރު

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑިއަޅުވައި ބޯ ބާލުވައި އަނިޔާކުރި ކަމަށް ވެ އެވެ. ބައެއް މީހުންގެ އަންނައުނު ވެސް ވީދާލި ކަމަށް ވެ އެވެ. މި ދަރަޖައިގެ ލާއިންސާނީ އަނިޔާ ހިންގި ކަމަށް ކަރެކްޝަނަލް ސާވިސް އިން ދޮގު ކުރެ އެވެ.

އެކަމަކު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކުރުމުން ގައިދީންނަށް އަނިޔާވި ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖަލު އޮފިސަރުން ގައިދީން ގައިގައި ތަޅައިގަތީ، އެހެން ގޮޅިއަކުން އެއްޗެއް ގެނެސްދޭން ގައިދީއަކު އެދުމުން ހިނގި ޒުވާބެއްގައި އޮފިސަރަކަށް ހަމަލާދިނުމުންނެވެ.

އޮފިސަރަށް ލިބުނު އަނިޔާއާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒާއި އައިޖީއެމްއެޗުގައި ވެސް ފަރުވާ ދީފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުން އަނިޔާވި ގައިދީންނަށް ފަރުވާދޭން މާފުށީ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަންސް އަށް އިރުޝާދު ދިން ކަމަށެވެ. އެ އެންގުމާ އެއްގޮތަށް ގައިދީންނަށް ގައިދީންނަށް ފަރުވާ ދިން ކަމެއް ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒް މިއަދު މާފުށީގައި: މިނިސްޓަރު ވަޑައިގަތީ ޖަލުގައި ހިނގި ހަމަނުޖެހުންތައް ހިނގައިދިޔަ ގޮތް ސާފުކުރައްވަން. --ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުގައި ގައިދީންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ސާފުކޮށް ބުނެފައިވެ އެވެ. ކޮންމެ ގައިދީއަކަށް ދައުލަތުން މަހަކު 15،000 ހޭދަވާ އިރު، ޖަލަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެއް ކަމަށާއި ގައިދީންނާ ދޭތެރޭގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ޖަލު އޮޑިޓް ކުރި ކޮމިޝަނުން ލަފާ ދީފައި ވަނީ، ގައިދީންނާ ދޭތެރޭގައި މިހާރު އަމަލުކުރަމުންދާ އުސޫލްތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ޖަލުތައް ހިންގުން ހަރުދަނާ ކުރުމަށެވެ. އެ ކަމަށް ކޮމިޓީއެއް ވެސް ހޯމް މިނިސްޓްރީން އެކުލަވާލި އެވެ.