ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 200 އަށް ވުރެ ގިނަ ބިލް

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އަށް ގެންނަ ހަތަރު އިސްލާހަކާ އެކު 200 އަށް ވުރެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަލަށް ތައާރަފް ކުރަންޖެހޭ ގާނޫނުތަކާއި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަން ޖެހޭ ގާނޫނުތަކާއި އުވާލަންޖެހޭ ގިނަ ގާނޫނުތަކެއް އެބަހުރި ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް ވެސް ބައެއް އިސްލާހުތައް ހިމެނޭ ގޮތުން ޖުމްލަ 201 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އޭގެ ތެރެއިން 47 ބިލަކީ ޚާއްސަ އިސްކަމެއް ދީގެން މިއަހަރު މަޖިލީހަށް ހުށަހަޅާނެ ބިލްތަކެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެއީ އަޅުގަނޑުމެން ވަރަށް މުހިންމު އަހަމިއްޔަތެއް ދޭ ބިލެއް. އެއާ އެކީގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް އަޅުގަނޑުމެން ހުށަހަޅާނަން. އަދި އިންކަމް ޓެކްސްގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް އެބަ ހިމެނޭ." ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ހުށަހަޅާ ބައެއް ބިލްތައް މަޖިލީހުން މިހާރު ވަނީ ފާސްވެފައިވާއިރު، ބައެއް ބިލްތައް މިހާރު ވަނީ މަޖިލީހަށް ހުށަހެޅިފަ އެވެ. އެގޮތުން ރިޔާސީ ކޮމިޝަންގެ ބިލާއި ވަކީލުންގެ ބިލް މިހާރު ފާސްކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ފަސް އަހަރަށް ލެޖިސްލޭޓިވް އެޖެންޑާ އިއުލާން ކުރިޔަސް، އެއިރެއްގެ ހާލަތަށް ބަލައި ބިލްތައް އިތުރަށް ރިވިއު ކުރާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އާންމު އުސޫލަކީ އަހަރަކު އެއް ފަހަރު މުޅި ލިސްޓު އެކީގައި މުރާޖާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން." ރިފްއަތު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުގެ ތެރޭގައި ހިމަނާފައި ވަނީ އަދުލު އިންސާފު ދާއިރާއާ ގުޅޭ ބިލަކާއި ލާ މަރުކަޒީ އުސޫލާ ބެހޭ އިސްލާހު ގެނައުމުގެ ބިލަކާއި އެންޓި ޑިފެކްޝަން ތައާރަފް ކުރުމުގެ ބިލެއްގެ އިތުރުން މިނިވަން މުއައްސަސާތައް އިސްލާހު ކުރަން ގެންނަ ބިލެކެވެ.

މީގެ އިތުރުން 19 ދާއިރާއަކާ ގުޅޭގޮތުން އަލަށް ތައާރަފްކުރާ ގާނޫނުތަކާއި ގާނޫނަށް ގެންނަ އިސްލާހުތަކުގެ ގޮތުގައި 160 އަށް ވުރެ ގިނަ ބިލް އެ އެޖެންޑާގައި ހިމަނާފައިވެ އެވެ. އަދި ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ އަދި ގާނޫނަށް އިސްލާހު ގެނައުމުގެ 36 ބިލެއް ވެސް އެ އެޖެންޑާގައި ހިމަނާފައިވެ އެވެ.