ނަޝީދު ވިދާޅުވާ ގޮތުން ލުތުފީ އެމްބަސީ އަށް ދިޔައީ އޭޕްރީލް 20 ގައި

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ދިޔައީ އެ ގައުމުގައި ބޮން ގޮއްވާލުމުގެ އެެއް ދުވަސް ކުރިން (އޭޕްރީލް 20) ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެކަމަކު، ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާޣީ ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.

ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމިއްލަ އަށް ހަވާލުވީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ ނުވަ ތަނަކަށް ދިން ބޮމުގެ ހަމަލާގެ ކުރިން ކަމަށެވެ.

"އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އިން ބޭރަށް މީހުން ގޮސް ފިލުމުން، އެ މީހަކު ދިވެހި ސަރުކާރަށް ގެނެވިފައި ހުރީ މަދު ފަހަރެއްގަ އެވެ. އެކަމަކު ވިދާޅުވީ، ލުތުފީ ރާއްޖެ ގެންނާނީ މި ސަރުކާރުން ކަމަށެވެ.

ޖަލު ހުކުމަށް ފިލައިގެން އުޅުނު ބާޣީ ލުތުފީ ފިލީ ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން ބޭސްފަރުވާ އަށް ލުތުފީ އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ވަނީ ލަންކާ އަށް ގޮސްފަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި، ލުތުފީ ފިލުވީ ނަޝީދުގެ ސަރުކާރުންނެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު، ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ލުތުފީ ވަނީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ތެރެއަށް ވަދެ، ފުލުހުންގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ގޮސްފަ އެވެ.

"އެއީ ކޮންމެ ދިވެއްސަކަށް ވެސް ކުރެވޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ލުތުފީ އެމްބަސީ އަށް ދިޔަ މައްސަލާގައި ދެ ގައުމުގެ ސަރުކާރާ ދެމެދު ވާހަކަ ދައްކަން އެހާ ފަސޭހައެއް ނުވި ކަމަށެވެ. އެގޮތުން، ލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވާހަކަ ނުދެއްކި 10 ދުވަސް ވަރު ހޭދަވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ލުތުފީ ވީހާވެސް އަވަހަކަށް މާލެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލުތުފީ ގުޅިފައި ހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިދިޔަ ކަންކަމާ. ކިތަންމެ ބައެއް މަރައި އެތައް ބައެއްގެ ދައްޗާއި ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާ. ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ ހުންގާނުގައި ހުރި ލުތުފީއާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މީހަކު ރާއްޖެ އިން ބޭރަށް ގޮސް ފިލީމާ، އެމީހަކު ގެނައުން އެއީ ދިވެހި ދައުލަތަށް ވަރަށް މަދު ފަހަރެއްގައި ނުކުރެވި އޮތް ކަމެކެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް ނާސިރު ރާއްޖެ ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވި ނަމަވެސް އެކަން އެމަނިކުފާނަށް ކާމިޔާބުވެވަޑައިގެންފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ގެނައުމަށް ކުރީގެ ސަރުކާރުން މަސައްކަތް ކުރި. އެކަމަކު އެކަމެއް ކާމިޔާބެއް ނުވި،" ނަޝީދު ރާއްޖެ ބޭރުގައި ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމުން އެމަނިކުފާނު ގެންނަވަން ކުރީގެ ސަރުކާރުން ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެކަމަކު، ނަޝީދު ވަނީ ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ، ރާއްޖެ އިން ބޭރަށް ވަޑައިގެން، އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައި ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގައި އުޅުއްވި އެވެ. އަދި އެމަނިކުފާނު ފަހުން އަވަށްޓެރި ލަންކާގައި ވެސް ދިރިއުޅުއްވި އެވެ.

ނަޝީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ ކޯޓުން ވަނީ މިނިވަނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާ އިން ކުލީ ސިފައިންގެ ބަޔަކު ގެނައި ލުތުފީ ރާއްޖޭން ބޭރުގައި ފިލައިގެން އުޅޭ މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. ނަޝީދު ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރަން ގަވައިދުގައި އޮންނަ ގޮތުން 14 ނޯޓިހެއް ވަޒީރަށް ދޭން ޖެހޭ އިރު، އެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. އަދި ނޯޓިސް ހަމަވުމުގެ މާ ކުރިން ލުތުފީ ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ލުތުފީ އެމްބަސީގައި ހުރި ކަން ފަޅާއަރުވާލުމާ އެކު ސަރުކާރަށް ފާޑުކިއުން ބޮޑުވުމުން އޭނާ 48 ގަޑިއިރުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.