ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި މޯލްޑިވިއަންގެ ޑެސްކެއް ހިންގި: ރިޒްވީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އޭރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ކެމްޕެއިން އޮފީހުގައި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެސްކެއް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯދަން ކުރި ކެމްޕޭން ދަތުރުތަކަށް ފަހުން ފައިސާ ދައްކާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ޕީޕީއެމަށް ވަނީ 4.8 މިލިއަން ރުފިޔާގެ ޓިކެޓު ވިއްކައިފަ އެވެ. އަދި ވަރަށް ފަހުން އެ ޕާޓީން ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިއޭއެސް އަށް އެ ފައިސާ ދައްކައި ޚަލާސް ކޮށްފަ އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ވަނީ ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ސަކީނާ މަންޒިލްގައި ހިންގި އޮފީހުގައި އައިއޭއެސްގެ ޑެސްކެއް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ.

އެކަން ހިނގި ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މި ސަރުކާރުން އައިއޭއެސް އަށް އައްޔަން ކޮށްފައިވާ އެމްޑީ ރިޒްވީ ވިދާޅުވީ، އެއީ ހިނގާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެތަނުގެ ތެރެއިން ޓިކެޓު ބުކް ކުރުމާއި ނެގުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި، ޚާއްސަ ޑެސްޓުން ޓިކެޓު ނެގުމުގެ އިތުރުން ވެސް ޔާމީންގެ ސަރުކާރުން އައިއޭއެސްގެ އެކި ކަންކަމަށް ވަނީ ނުފޫޒު ފޯރުވައިފަ އެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމާއި ސިޔާސީ ޖަލްސާތަކަށް މަޖުބޫރުން ގެންދިއުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އޭރު ވެސް ކުންފުނީގައި މަސައްކަތް ކުރި މީހެއް. ވީހާ ވެސް ގިނަ މުވައްޒަފުން ގޮވައިގެން ޖަލްސާ އަށް ދިއުމަށް އަންގާ،" އޭރު މޯލްޑިވިއަން ހޮލިޑޭސްގެ އެމްޑީ އަކަށް ހުންނެވި ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އެފަދަ ނުފޫޒެއް އަދި ނާންނަ ކަމަށެވެ. ނަމަވެސް، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭނުންވާ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށް އެދި ހުށަހެޅުން ލިބިވަޑައިގަންނަވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.