ނެޓްފްލިކްސް އިން މިހާތަނަށް ސްޓްރީމް ކުރަމުން ދިޔަ ކުރީގެ މަޝްހޫރު ސިލްސިލާ "ފްރެންޑްސް" އެޗްބީއޯ އިން، އަލަށް ތައާރަފުކުރާ ސްޓްރީމިން ސާވިސް އިން ސްޓްރީމް ކުރަން ނިންމައިފި އެވެ.
ވޯނާ މީޑީއާ އިން އަންނަނީ ނެޓްފްލިކްސްއާ ވާދަކުރަން އެޗްބީއޯ މެކްސްގެ ނަމުގައި އާ ސްޓްރީމިން ސާވިސްއެއް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ. މިކަމާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ މިހާތަނަށް ވޯނާ މީޑިއާ އާއި އޭގެ ބެލެނިވެރި ކުންފުނި އޭޓީ އެންޑް ޓީގެ ދަށުން ގެނެސް ދީފައި ހުރި ގިނަ އުފެއްދުންތައް ކުރިއަށް އޮތް ތަނުގައި ބެލުންތެރިންނަޗް އެޗްބީއޯ މެކްސް އިން ސްޓްރީމް ކުރާނެ ކަމަށެވެ.
އެގޮތުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ސިޓްކޮމް "ފްރެންޑްސް" އަކީ އޭގެ ތެރެއިން އެކައްޗެވެ. މީގެ އިތުރުން ވަރަށް ގިނަ އޮރިޖިނަލް ކޮންޓެންޓް ވެސް އެޗްބީއޯ މެކްސް އަށް އަންނާނެ އެވެ. އެގޮތުން މިހާރު ވެސް ބަތަލާ ނިކޯލް ކިޑްމަން ވަނީ "ކްރައިމް ފާމް" ގެ ނަމުގައި ސީރީޒެއް ޕްރޮޑިއުސް ކުރަން ނިންމައިފަ އެވެ.
އެޗްބީއޯ މެކްސް އިން ބުނި ގޮތުގައި "ފްރެންޑްސް" ސިލްސިލާގެ 236 އެޕިސޯޑް އެ ޕްލެޓްފޯމުން ސްޓްރީމް ކުރަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެންނެވެ.
އެޗްބީއޯ އިން އެޗްބީއޯ މެކްސް ލޯންޗް ކުރަން ތައްޔާރުވާ އިރު، ވޯނާ މީޑިއާގެ ދަށުގައި މިހާރު ވެސް އެޗްބީއޯ ގޯ އާއި އެޗްބީއޯ ނައު ފަދަ ފްލެޓްފޯމްތައް އެބަަ ހުއްޓެވެ.
ސްޓްރީމިން ހިދުމަތަށް ނުކުންނަ ކުންފުނި އިިތުރުވެ، މި ވިޔަފާރީގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ޑިޒްނީގެ ސްޓްރީމުން ސާވިސް ޑިޒްނީ+ އަންނަނަ ނޮވެމްބަރު މަހުގެ 22 ގައި ރަސްމީކޮށް ލޯންޗް ކުރާނެ އެވެ.