24 ގަޑިއިރު ތެރޭގައި ތެލެސީމިއާ ދެ ޒުވާނެއްގެ މަރު!

މުޅި އުމުރަށް ލޭ އަޅަންޖެހޭ، ތެލެސީމިއާގެ ދެ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.


މާލޭގައި ދިރިއުޅެމުން އަންނަ އެ ދެ ޒުވާނުންގެ ތެރެއިން ހއ. އުލިގަން މޫންލައިޓް، އަދުހަމް މުހައްމަދު (އަދޫ) 24، މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މ. ފޯމޫންސް އިސްމާއިލް ފަޔާޒް 27، މަރުވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ދެ ޒުވާނުންގެ ތެރެއިން އަދޫ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އިވެންޓުތަކަށް ގޮސް، ފޮޓޯ ނަގާ ޝަލަބީގެ ފޮޓޯގްރާފަރެވެ.

އަދޫ އާއި ފަޔާޒްގެ ގާތް މީހަކު "މިހާރު" އަށް ކިޔައި ދިން ގޮތުގައި ދެ މީހުންނަކީ ވެސް އަޚުލާގު ރަނގަޅު، ހިތްހެޔޮ ދެ ޒުވާނުންނެވެ. ހާއްސަކޮށް، އެކުވެރިންނަށް އެހީތެރިވެވެން އޮތް ނަމަ، އެންމެ ފުޅާ މިންވަރަށް އެ ދެ ޒުވާނުން ވެސް އެހީތެރިވުމަށް އަބަދުވެސް އިސްކަންދޭ ކަމަށް އޭނާ ބުންޏެވެ.

"އަދޫ ފާހަގަ ކުރާނީ މޮޅު ފޮޓޯގްރާފަރެއްގެ ގޮތުގައި. އެއީ ހުނަރު ހުރި ކުއްޖެއް،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ، އަދޫ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަތާ ދުވަސްތަކެއްވި ފަހުން ކަމަށެވެ. އެކަމަކު، ފަޔާޒް އައިޖީއެމްއެޗަށް ފަރުވާ ދޭން ގެންދިޔައީ ކުއްލިއަކަށް ކަމަށް ވެ އެވެ. ޑޮކްޓަރުގެ ރިޕޯޓުތައް ދައްކާ ގޮތުން ނަމަ، ފަޔާޒް މަރުވީ ކިޑްނީ ފެއިލް ވެގެންނެވެ.

"އަދޫ ހޮސްޕިޓަލްގައި ވަރަށް ދުވަސްވި. އައިސީޔޫގައި ބާއްވާފައި އޮއްވައި ވޯޑަށް ބަދަލުކޮށް، އަނެއްކާ ވެސް އައިސީޔޫ އަށް ބަދަލުކުރި ފަހުން މަރުވީ،" އޮންލައިންކޮށް ފޮޓޯގްރަފީ ކޯހެއްގައި ބައިވެރިވެ ޑިޕްލޮމާ ހާސިލް ކުރި އަދޫއާ ގުޅޭ ގޮތުން އޭނާގެ ރަހްމަތްތެރިއަކު ކިޔައި ދިނެވެ.

"އަދޫ އަށް ވީ ކިހިނެއް ކަން އަދި މިހާތަނަށް އެނގިފައެއް ނެތް،"

މިދިޔަ މަހުގެ 11 ވަނަ ދުވަހު އަދޫ "ދޯ" އަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި އޭނާ ފޮޓޯގްރާފަރަކަށް އުޅޭތާ ތިން އަހަރު ވެދާނެ އެވެ. ޝަލަބީގެ އޮފިޝަލް ފޮޓޯގްރާފަރުގެ އިތުރުން އަދޫ ހައުސް އޮފް މިއުޒިކާއި ބަރިސްތާގެ ފޮޓޯތައް ވެސް ނަގައިދެ އެވެ.

އަދޫ އޭރު ބުނީ ފޮޓޯގްރަފީ ކެރިއަރާއި ހިތްހަމަޖެހޭ ވަޒީފާއަކާ އެކު ދިރިއުޅުން ބަދަލުވެފައިވާތީ ތެލެސީމިއާ ބަލި ރަނގަޅުކުރެވޭ ހަމައެކަނި ފަރުވާ ކަމަށްވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިތުރު ފުރުސަތެއް ހޯދަން މަސައްކަތް ނުކުރާ ކަމަށެވެ.

ބްލަޑް ސާވިސްގައި ތެލެސީމިއާގެ 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 635 މީހުންނެވެ.

ކައިވެނީގެ ކުރިން ތެލެސީމިއާ އަށް ޓެސްޓްކުރަން މިހާރު ލާޒިމްކުރެ އެވެ. އެކަމަކު ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކުރުމަށް ހުރަހެއް ނޯވެ އެވެ. ތެލެސީމިއާ ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިފުޅަކީ ތެލެސީމިއާ ބަލީގެ ނުވަތަ ލޭ އަޅާ ކުއްޖަކަށް ވުމުގެ 25 ޕަސެންޓު ފުރުސަތު އޮވެ އެވެ.