މޮޅެތި ޝޯތައް އުފެއްދުމަށް އޮންލައިން ސްޓްރީމިން ނެޓުވޯކުތައް މިހާރު އޮތީ ވަރުގަދަ ރޭހެއްގަ އެވެ. ވާދަވެރިކަން ބޮޑުވެ، މި ރޭހުގައި އެއްބަޔަކު އަނެއް ބަޔަކާ އަރާ ހަމަކުރަނީ އެވެ. ނެޓްފްލިކްސް އާއި އެޗްބީއޯ ވެސް ހިމެނޭ ގޮތަށް، އެމީހުންނާ އެންމެ ގާތުން މިހާރު ވާދަކުރާ ބަޔަކަށް ވާނީ އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.

ނެޓްފްލިކްސް އަށް ވުރެ ކުރިން އެންމެ މޮޅު ސީރީޒްގެ އެމީ އެވޯޑެއް ވެސް އެމީހުން އުފުލައިލި އެވެ. މި އަހަރު އެކަނި ވެސް އެމީހުނަށް އެމީގައި 47 ނޮމިނޭޝަން ލިބިފައި އެބަ އޮތެވެ. ބަލައިލަން ވަރަށް ރީތި، ވަރަށް ރަނގަޅު ޝޯތައް އެމެޒޯންގައި ވެސް އެބަހުއްޓެވެ. މިއީ އޭގެ ފަސްޝޯ އެވެ.

1. ދި މާވެލަސް މިސިޒް މެއިޒަލް

ކޮމެޑީ މި ޝޯ އަކީ އެމެޒޯން އަށް އެންމެ ގިނަ އެމީ ނޮމިނޭޝަންތައް ހޯދައިދިން އެމީހުންގެ ޖަވާހިރެވެ. މި ޝޯ ސެޓުކޮށްފައި ވަނީ 1950 ގެ ފަހުކޮޅުގައި ނިއު ޔޯކުގައި ހިނގާ ކަންތައްތަކެއްގެ ގޮތުގަ އެވެ. ފިލްމުގައި އުޅެނީ ހިތްހެޔޮ، ރަނގަޅު ފިރިއަކާއި އަދި ދެ ދަރިން ހުންނަ އަންހެނެކެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތު ވެސް ތަނަވަހެވެ. އެކަމަކު އޭނާގެ ގައިގައި ތަފާތު ހުނަރަކަށް، ސްޓޭންޑް އަޕް ކޮމެޑީ، ހުރިކަން އެނގޭ ހިސާބުން އޭނާގެ ދިރިއުޅުމަށް މުޅިން ބަދަލުވެ އެވެ. "ގުލިމޯ ގާލްސް" އުފެއްދި އެމީ ޝާމަންގެ މި ޝޯގެ ދެ ސީޒަނެއް ދައްކައިފި އެވެ.

2. ފްލީބޭގް

މިވެސް ކޮމެޑީއެކެވެ. މި އަހަރު ދެ ވަނަ އެންމެ ގިނަ އެމީ ނޮމިނޭޝަންތައް ގެންދިޔައީ އެމެޒޯންގެ މި ޝޯ އިންނެވެ. މީގައި ފެންނަނީ ވަރަށް މަޖާ ގޮތަކަށް އުޅޭ ވިސްނުން ތޫނު އަންހެނަކަށް އޭނާގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންތަކެވެ. ކިތައްމެ ރަނގަޅަށް ކަމެއް ވިޔަސް އޭނާ އުޅޭނީ އެކަމަކުން ރެކެންވެގެންނެވެ. ދެ ސީޒަނެއް ދައްކައިފައިވާ މި ޝޯގެ ލީޑުން ފެންނަނީ ކޮމިކް އެކްޓްރެސް، ފީބީ ވޯލާ ބްރިޖް އެވެ.

3. މޮޒާޓް އިން ދި ޖަންގަލް

ލޯތްބާއި ފައިސާ އާއި ހުވަފެންތަކާއި މިއުޒިކެވެ. މި ޝޯގެ މައިގަނޑު ކަންތައްތައް ހިނގަނީ މި ބުރުގެ ތެރޭގަ އެވެ. ނިއު ޔޯކް ސިޓީގެ މެއިސްޓްރޯއަކާއި މިއުޒިކުގެ ދުނިޔޭގައި ކުރިއަށް ދާން ފުރުސަތުތައް ހޯދަމުން އަންނަ އަންހެނަކަށް ދިމާވުމުން ހިނގާ ކަންތައްތަކެކެވެ. މީގެ ހަތަރު ސީޒަނެއް މިހާރު އުޅެ އެވެ.

4. ހޯމްކަމިން

މިއީ ޕޮޑްކާސްޓެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މިހާރު މި ޝޯގެ ދެ ވަނަ ސީޒަނަކަށް އޮތީ އޯޑަރު ދީފަ އެވެ. މީގައި ދައްކުވައިދެނީ ހަނގުރާމައަށް ދާ އެމެރިކާގެ ސިފައިންގެ އަނބުރާ ގައުމަށް އައުމުން، އާންމު ދިރިއުޅުމަށް ދޫކޮށްލުމުގެ ކުރިން ހަނގުރާމައިގެ މައިދާނުން އެމީހުނަށް ލިބިފައި ހުރި ނަފުސާނީ އަނިޔާތަކަށް ފަރުވާކޮށްދޭ ބައެކެވެ. އެ ތަނުގައި ސިފައިންނަށް ފަރުވާކޮށްދޭ އުޅުނު އަންހެނަކު، އެ ވަޒީފާ ދޫކޮށްލިތާ ހަތަރު އަހަރު ފަހުން، އެ ތަނަކީ ރަނގަޅު ތަނެއް ނޫންކަން އޭނާ އަށް ފަހުން އެނގެ އެވެ.

5. ގުޑް އޯމެންސް

ފެންޓަސީ ސީރީޒްތަކަށް ލޯބިކުރާ މީހުނަށް މި ކަމުދާނެ އެވެ. މިއީ 1990 ވަނަ އަހަރު ހަމަ މި ނަމުގައި ނެރުނު ވާހަކަ ފޮތަކަށް ބިނާކޮށް މި އަހަރު ނެރުނު މިނީ ސީރީޒެކެވެ؛ އެންމެ ހަ އެޕިސޯޑެވެ. ނެޓްފްލިކްސްގެ "ލޫސިފާ" އަދި އެމެޒޯންގެ "އެމެރިކަން ގޯޑްސް" ކަހަލަ ޝޯތައް ބަލާ މީހުނަށް މިއީ ރަނގަޅު ހޮވުމެކެވެ.