ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް، މުއިއްޒު ހިތްހަމަނުޖެހިއްޖެ!

ރަސްރަނި ބަގީޗާގެ ނަން، އެތަނަށް ކުރިން ކިޔަމުން އައި ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރުމާ އެކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.


އެންމެ ކުރިން ވެސް ސަލްޓަން ޕާކު ކިޔަމުން އައި ތަނުގެ ނަން ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެމްއެންޑީއެފްއާ ހަވާލުކޮށްގެން އެތަން ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކޮށް ބޯޑު ހަރުކޮށްފަ އެވެ.

މިކަމާ ނުރުހުންފާޅުކުރައްވައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީ ކުރި ތަންތަނަށް ނަން ކިއުމުގައި ކުރީގެ ސަރުކާރުން ބެލީ ވީހާ ވެސް ދިވެހި ވަންތަ ތާރީޚް އާލާވާ ނަންތައް ކިޔަން ކަމަށެވެ. އޭގެތެރޭގައި ރާވެރިބޭ މައިޒާނާއި ހިއްތަން މައިޒާނާއި ރެހެންދި މައިޒާނާއި އިސްކަނދަރު މައިޒާންގެ އިތުރުން ރަސްފަންނު މައިޒާން ހިމެނޭ ކަން ފާހަގަކުރެއްވި އެވެ.

ރަސްރަނި ދިވެހި ބަހުގައި ބޭނުން ކުރަނީ ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. އަދި ރީތި އަންހެނުންނަށް ނިސްބަތްކޮށް ވެސް ރަސްރަނި ބޭނުންކުރެ އެވެ.

ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކުރީ ކޮން ތާރީޚެއް އާލާކުރަންތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.

"ނަމާ އެއްކޮށް، އެ ނަން ކީ އިރު އެތަން އޮތް ގޮތަށް ތަން ވެސް ބަދަލު ކުރަންވީ ނޫންތޯ؟ ދިވެހި ބަހާ ތަނުގެ ތާރީޚް ބޮޑަށް އާލާ ކުރެވޭނީ ދިވެހި ނޫން ނަމަކުންތޯ؟" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. އެތަނުގައި ހުރި އިމާރާތްތަކުގެ ތެރެއިން ބެހެއްޓީ ހަމައެކަނި "މަތިގެކޮޅު" އެކަންޏެވެ.