ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، ހިތްގައިމު ބަދަލުތަކާއެކު މިރޭ ހުޅުވި ރަސްރަނި ބަގީޗާއަށް ބިދޭސީންނަށް ވަދެވޭނީ ޓިކެޓް ގަނެގެން ކަމަށާއި އެކަމަކު ދިވެހިންނަށް ހިލޭ ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހުޅުއްވައިދެއްވި މި ބަގީޗާ ތައާރަފްކޮށްދެއްވަމުން، އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބަގީޗާ ހުޅުވުމަށް ގިނަ ލައިޓްތަކާއި ސާމާނު ބޭނުންކޮށްފައި ހުރުމުން، އެތަކެތި ނަގަން ދެތިން ދުވަސް ނަގާނެތީ ބަގީޗާ އާއްމުންނަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށެވެ.
އެހެންވެ، އެތަން އާއްމުންނަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހު ހައުސިން މިނިސްޓްރީން ބާއްވާ ކުޑަކުދިންގެ ހަވީރާ އެކު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 11:00 އަށް ބަގީޗާ ހުޅުވާފައި ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ބަގީޗާގައި 24 ގަޑިއިރު ސެކިއުރިޓީއާ ބެލެހެއްޓުމުގައި ފުލުހުން ތިބޭނެ އެވެ.
ރާއްޖޭގައި ރަސްކަމުގެ ގަނޑުވަރުހުރި އެ ބިމުގައި ގާއިމު ކުރި މި ޕާކުގެ ނަން ބަދަލުކޮށްފައިވަނީ އެ ރަސްކަލުންނާއި ރާނީންނާ ގުޅުވައިގެންނެވެ.
ހިތްގައިމު މި ބަގީޗާއަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭން އެންމެ ފާހަގަ ކޮށްލެވެނީ ބިއްލޫރި ޓްރީ ހައުސް އާއި ދެ ބުރިއަށް ހަދާފައި ހުރި ފެންއަރުވާ ވަޑާމެވެ.
"ރަސްރަނި ވިއު"ގެ ނަމުން ނަން ދީފައިވާ ޓްރީ ހައުސްގެ ތިރި ހާއްސަކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. އަދި ވަށައިގެން ބިއްލޫރި ޖަހާފައިވާ މިތަނުގެ މަތީގައި ވެސް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކްލާސްރޫމުތަކެއް ހުންނައިރު، އެތަނުން މުޅި ބަގީޗާ ތެރެ ފެނެ އެވެ.
ދިރާގުގެ އެހީގައި ހަދާފައިވާ ބިޔަ ފެންއަރުވާ ވަޑާމުގެ އިތުރުން، ލެޑުން ހަދާފައިވާ ބޮޑެތި އުނދޯލިތަކެއް ވެސް މި ތަނުގައި ހުރެ އެވެ. މި އުނދޯލިތައް ހަނދުފަޅިއެއްގެ ބައްޓަމަށް، ރޭގަނޑު ދިއްލޭނެ އެވެ. މިއީ އެމެރިކާގެ ބޮސްޓަންގައި އެކަނި ހުންނަ ވައްތަރެއްގެ އުނދޯލިތަކެއް ކަމަށާއި ރަސްރަނި ބަގީޗާގައި މި އުނދޯލިތައް ހަރުކުރީ، އެމެރިކާގައި ވެސް މިކަން ކުރި ކުންފުނިން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މި ބަގީޗާގައި މީގެ ދިހަ އުނދޯލި ވަނީ އެލުވާފަ އެވެ.
މުއިއްޒު ވިދާޅުވީ ސިފައިން ތަރައްގީ ކުރި މި ބަގީޗާއިން އެއްވެސް ގަހެއް ނުކަނޑާ ކަމަށާއި މިހާރު 18،000 ގަސް ހުންނާނެ ކަމަށެވެ. އަދި މުޅި ޕާކުގައިހެން ވިނަ އިންދާފައިވާއިރު މުޅި ތަން ވެސް އޮންނާނީ ވަރަށް ފެހިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްރަނި ބަގީޗާގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކި ކަހަލަ އެނާޖީ ބުއިންތައް ބޭނުން ކުރުން މަނަލެވެ. އަދި މުޅި ބަގީޗާގެ ސާފުތާހިރުކަމަަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.