ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، ބޮޑެތި ބަދަލުތަކާއެކު ހުޅުވި ރަސްރަނި ބަގީޗާގެ މަސައްކަތް ކުރި ސިފައިންގެ އިސް އޮފިސަރުންނާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ދެކަނބަލުން ރަސްމީކޮށް ހުޅުއްވައި ދެއްވި ރަސްރަނި ބަގީޗާގެ މަސައްކަތް ކޮށްދިން ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސިފައިންގެ ވެލްފެއާ ކުންފުނީގެ ފަރާތުން އެ ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމައަށް ތައްޔާރު ކޮށްދެއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ.

ސިފައިންގެ ރަސްމީ މަސައްކަތުގެ އިތުރުން ގައުމުގެ ބިނާ ކުރުމުގެ އެފަދަ މަޝްރޫއުތަކުގައި ބައިވެރިވުމަކީ ހުރިހާ ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރަސްރަނި މަސައްކަތުގައި އުޅުނު ސިފައިންނަށް ޝުކުރު އަދާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން (މ)، ހައުސިން މިނިސްޓަރު ޑރ. މުއިއްޒު (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރަސްރަނި މަސައްކަތުގައި އުޅުނު ސިފައިންނަށް ޝުކުރު އަދާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން (މ)، ހައުސިން މިނިސްޓަރު ޑރ. މުއިއްޒު (ކ) އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ޔާމީންގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފުން ސަލްޓަން ޕާކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއްތަނަކީ ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ހަދާފައި ހުންނަ "ރަސްރަނި ވިއު" ކިޔާ ތަނެކެވެ. މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް ކިޔެވޭ ގޮތަށް ކްލާސްރޫމުތަކަކާއި ކުރެހުމުގެ ހުނަރު ދައްކާލުމަށް އާޓް ޑެކެއް ހަދާފައި ހުރެ އެވެ. ބިއްލޫރިން ހަދާފައި ހުންނަ މިތަނުގައި މަޑުކޮށްލައިގެން ހުންނައިރު މުޅި ޕާކު ތެރެ ފެނެ އެވެ.

މީގެ އިތުރުން ވެސް ދެބުރިއަކަށް ވާގޮތަށް ހުންނަ ބޮޑު ފެންއަރުވާ ވަޑާމަކއި ޓްރީ ހައުސް ބްރިޖެއް އަދި ޕާކުގެ ފެހިކަން ފެންނަ ގްރީން ޓަނަލަކާއި ވާޓިކަލް ބަގީޗާއެއް ވެސް މިތަނުގައި އޮވެ އެވެ. އަދި އެންމެ ކުރީއްސުރެ ރާއްޖޭގައި ކުޅޭ ކުޅިވަރެއް ކަމަށްވާ، ކޮރާ ކުޅެން ހާއްސަ ކޮރާ ގެއަކާއި އިހުގެ ގޮތްގަނޑު ދައްކައިދޭ މަރިޔާދު ގެއެއް ވެސް ހުރެ އެވެ.

ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާއެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކޮށްފައި ވަނީ ސަލްޓަން ޕާކަށެވެ. މި އަހަރުގެ ނޮވެމްބަރު 11 ގައި، ސަލްޓަން ޕާކަށް 50 އަހަރު ފުރޭއިރު މިއީ އެތަނުގެ ނަން ބަދަލުކުރި ފުރަތަމަ ފަހަރެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި ޕާކަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ފަދަ ތަނަކަށް ވާނެ އެވެ. މި ޕާކުގައި މިހާތަނަށް ނުނިމި ވަނީ ވިންޓާ ކޯނާގެ މަސައްކަތެވެ. އެކަމަކު ނޮވެމްބަރު މަހުގެ ނިޔަލަށް އެތަން ވެސް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.