ބްރެސީލިއާ (ސެޕްޓެމްބަރު 15) - ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ދަ ސިލްވާ އާއި އޭނާގެ އަނބިކަނބަލުން މަރިސާ ލެޓިސިއާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ފެޑެރަލް ޕްރޮސެކިއުޓަރުން ފަނޑިޔާރުންގެ ކިބައިން އެދިއްޖެ އެވެ.

ޕްރޮސެކިއުޓަރުން ވަނީ އައްސޭރި ފަށުގެ ރިސޯޓެއް ކަމަށްވާ ގުއާރުޖާ އިން މޫދު ފެންނަ ޕެންޓްހައުސްއެއް ލޫލާ އާއި އަނބިކަނބަލުން ހޯއްދަވާފައި ވަނީ ސައްހަ ގޮތުގައިތޯ ބަލައިފަ އެވެ. ލޫލާ ވިދާޅުވީ ފްލެޓް ހޯދުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި އެއީ ސިޔާސީކޮށްލާފައިވާ މައްސަލައެއް ކަމަށެވެ. މި ފްލެޓް އިމާރާތްކޮށްފައި ވަނީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮބްރާސްގެ ކޮރަޕްޝަނުގެ މައްސަލާގައި ތުހުމަތުކޮށްފައިވާ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އިންނެވެ. ޕްރޮސެކިއުޓަރުން ވަނީ އޯއޭއެސް އިން ފްލެޓް ގަތުމަށް ފަހު ލޫލާ އަށާއި އޭނާގެ އަނބިކަނބަލުންނަށް ތައްޔާރުކޮށްދީފައި ކަމަށް ބުނެފަ އެވެ. މި ފްލެޓުގެ އަގު 550،000 ޑޮލަރަށް އަރަ އެވެ. ލޫލާގެ ވެރިކަމުގައި އޯއޭއެސް އަށް ވަނީ ސަރުކާރުގެ ވަރަށް ގިނަ ޕްރޮޖެކްޓައް ދީފަ އެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ހޯއްދެވި ޕެންޓްހައުސްގެ އަގު 550،000 ޑޮލަރަށް އަރާ.
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ހޯއްދެވި ޕެންޓްހައުސްގެ އަގު 550،000 ޑޮލަރަށް އަރާ.

"ޕެޓްރޮބްރާސްގެ ކޮރަޕްޝަނުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ބޭފުޅަކީ ލޫލާ. އޭނާ ވަނީ ކުންފުންޏަށް ވަރަށް ގިނަ ވެރިން ހަމަޖައްސަވާފައި. އެ މީހުންނަށް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ނާޖާއިޒް ފައިދާ ހޯދިދާނެ،" ޕްރޮސެކިއުޓާ ޑެލްޓަން ޑަލަގްނޮލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ލޫލާ، 70، ބްރެޒިލްގައި ވެރިކަން ކުރެއްވީ 2003 އިން 2010 އަށެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ވާދަކުރައްވާނެކަން މި އަހަރު ކުރީކޮޅު އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖުލައި މަހު ވަނީ ޕެޓްރޮގްރާސްގެ ތަހުގީގަށް ހުރަސްއަޅުއްވާ ކަމުގެ ދައުވާ އުފުލައިފަ އެވެ.

ލޫލާގެ ފަހުން ބްރެޒިލްގެ ވެރިކަމަށް ވަޑައިގެންނެވި ދިލްމާ ރޫސެފްގެ މައްޗަށް ސެނެޓުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މިދިޔަ މަހު ވަނީ މަގާމުން ދުރުކޮށްފަ އެވެ.