ރިއޯ ޑި ޖެނީރޯ (މާޗް 9) - ކޮރަޕްޝަނުގެ ކުށުގައި 12 އަހަރަށް ޖަލަށްލާފައި ހުރި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ޑަ ސިލްވާ އެ ގައުމުގެ ސުޕްރީމް ކޯޓުން ސަލާމަތްކޮށްދީފި އެވެ.
އުމުރުން 75 އަހަރުގެ ލޫލާ މިނިވަންވުމާ އެކު 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.
ބްރެޒިލްގެ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ގުޅިގެން ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަގަނޑަކުން ނާޖާއިޒް ފައިދާ ހޯއްދަވާފައިވާ ކަމަށް ބުނެ ލޫލާގެ މައްޗަށް ޖަލު ހުކުމް އިއްވީ އޮކްޓޯބަރު 2018 ގައި ބޭއްވި އިންތިޚާބުގައި ވާދަކޮށްފާނެތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެ ދުވަސްވަރު ބްރެޒިލްގައި ލޫލާގެ މަގްބޫލްކަން ވަރަށް ބޮޑެވެ. ލޫލާގެ ޖަލު ހުކުމް ފަހުން ވަނީ އަށް އަހަރާއި 10 މަހަށް ކުރުކޮށްފަ އެވެ. ނަމަވެސް ކޮންސްޓްރަކްޝަން ކުންފުންޏަކުން ރިޝްވަތު ހޯއްދެވި ކަމަށް ބުނެ 2019 ވަނަ އަހަރު ވަނީ އަނެއްކާވެސް 12 އަހަރަށް ޖަލަށް ހުކުމްކޮށްފަ އެވެ. އެކަމަކު ހަމަ އެ އަހަރު ސުޕްރީމް ކޯޓުން ވަނީ އިސްތިއުނާފް މަރުހަލާތައް ނިމެންދެން ލޫލާ ޖަލުން ނެރެން އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެޑްސަން ފަޗިން ވަނީ ލޫލާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލް ކުރައްވައިފަ އެވެ. ފަނޑިޔާރު ވިދާޅުވީ ދެކުނުގެ ކުރިތިބާގެ ކޯޓަކުން ލޫލާގެ މައްސަލަތައް ބަލައި ހުކުމް ނީއްވޭނެ ކަމަށެވެ. އަދި އެއީ ވެރިރަށް ބްރެޒީލިއާގެ ފެޑަރަލް ކޯޓަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވަނީ ބުނެފަ އެވެ.
ލޫލާ ވިދާޅުވަމުން ގެންދެވީ އޭނާ ކުށެއް ނުކުރައްވާ ކަމަށާާއި ޖަލަށްލުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެތީ އެ ފުރުސަތު ބަންދުކުރުން ކަމަށެވެ.
ލޫލާ ވަނީ 2011 ވަނަ އަހަރާ ހަމައަށް ބްރެޒިލްގައި އަށް އަހަރު ވެރިކަން ކުރައްވައިފަ އެވެ.