ކަނޑަށް "ވެއްޓުނު" ފްލައިން ސްކޫލްގެ ބޯޓު އަދިވެސް ނުނަގާ

އުދުހެނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު ކަނޑަށް ލޭންޑް ކުރި އައްޑޫ ގަމުގެ ފްލައިން ސްކޫލްގެ ކުޑަ މަތިންދާ ބޯޓް އަދިވެސް ނުނަގާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.


ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ހިންގެވުމާ ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ ވިދާޅުވީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާ ކައިރި ހިއްސާބެއްގެ ކަނޑު އަޑީގައި އޮތް ބޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ މޫސުން ގޯސްވެގެން ކަމަށެވެ.

އެކަމަކު ލިޔޯ ކިޔާ ކުންފުންޏެއްގެ އުޅަނދެއްގައި ކްރޭނެއްގެ އެހީގައި ބޯޓް ނެގުމުގެ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓް އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.

"މޫސުން ގޯސްވެގެން ބޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތީ. ބޯޓް ވީހާ ވެސް އަވަހަކަށް ނެގޭތޯ މި މަސައްކަތް ކުރަނީ. މިއަދު އަދި އެހާ މޫސުން ގޯހެއް ނޫން. އެހެންވީމާ މިއަދު ވެސް މަސައްކަތް ފެށިދާނެ ކަމަށް މި ބަލަނީ." ސުރަންޖަން ވިދާޅުވި އެވެ.

ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އަންހެން ކުއްޖާ ޝަންގްރިއްލާގައި. --ފޮޓޯ:އެމްއެންޑީއެފް

ހުކުރު ދުވަހު ހަވީރު ޓްރޭނިންއެއްގެ ތެރޭގައި ދިވެހި އަންހެން ދަރިވަރަކާއި އިންޑިއާގެ އިންސްޓްރަކްޓަރަކާ އެކު އިންޖީނު ފެއިލްވުމުން ކަނޑަށް ކޮންޓްރޯލްޑް ލޭންޑިންއެއް ހެދި ހާދިސާގައި އެ ދެ މީީހުންނަށާއި ބޯޓަކަށް ވެސް ބޮޑު ގެއްލުމެއް ނުވެ އެވެ. ބޯޓް ކަނޑަށް ލޭންޑް ކުރުމާ އެކު ދެ މީހުން ވަނީ އެއިން ނުކުމެފަ އެވެ. އަދި އެ މީހުން ކަނޑުން ނެގީ، ބޯޓް ލޭންޑް ކުރި ސަރަހައްދުގައި އޮތް ޝަންގްރިއްލާގެ ރިސޯޓެއްގެ ޑައިވިން ދޯންޏަކުންނެވެ.

ބޯޓް ކަނޑުން ނެގުމަށް ފަހު، އިންޖީނު ފެއިލްވާން ދިމާވި މައްސަލަ ދެނެގަންނާނެ ކަމަށް އޭއޭއޭ އިން ބުންޏެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމަކުން އެ މަސައްކަތް ކުރާނެ. ބޯޓަށް ދިމާވި މައްސަލަ ސާފުވީމަ އެނގޭނީ ސީދާ ކިހިނެއް ވެގެންތޯ ބޯޓްގެ އިންޖީނު ވެސް ފެއިލްވީ." ސުރަންޖަން ވިދާޅުވި އެވެ.

މި ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.