ގާނޫނު ބަދަލުކޮށް މީހުން ވަކިކުރުމަކީ ރުހޭ ކަމެއް ނޫން: ގާސިމް

ގާނޫނުތައް ބަދަލުކޮށްގެން މީހުންގެ ވަޒީފާ ގެއްލިގެންދާ ގޮތަށް ކަންކަން ކުރުމަކީ އުސޫލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ގާސިމް އެގޮތަށް ވިދާޅުވީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައި ވަނިކޮށެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނު ބަދަލުކުރުމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަން ގާސިމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކޮށްގެން އެއްވެސް މީހެއްގެ ވަޒީފާ ގެއްލޭ ގޮތަށް އޮތުމަކީ އޭނާ ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"މާދަމާ ގާނޫނުއަސާސީ ވެސް ބަދަލުކޮށްގެން، ރައީސަކަށް ހުންނެވި ބޭފުޅަކު ވެސް ދުއްވާލަންވީނުންތޯ؟ މެމްބަރުންގެ ދައުރު ފަސް އަހަރަށް އޮތް ތަން، ތިން އަހަރަށް، ދެ އަހަރަށް ހަދާލަންވީނުންތޯ؟ އެއީ އުސޫލެއް ނޫނޭ އަޅުގަނޑު ދަންނަވާނީ،" މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މުއައްސަސާއެއްގައި ތިއްބެވި ބޭފުޅުންތަކެއް ގޯސްކޮށް ނުވަތަ ގާނޫނުތަކާ ހިލާފަށް އަމަލު ކުރެއްވި ނަމަ، އެ އޮންނަ އުސޫލުތަކުގެ ތެރެއިން މައްސަލައެއް ބަލައި މަގާމުން ވަކިކުރެވިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާ މެދުގައި މަޖިލިހުން އަމަލު ކުރަން ވާނީ ޑީޑީގެ މައްސަލައިގައި އަމަލު ކުރި ގޮތަށް ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި އެ އުސޫލު ދަމަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އަމަލު ކުރަން ޖެހޭނީ ގައުމުގެ ސަލާމަތާއި މަސްލަހަތު ރައްކާތެރިކޮށްދެވޭނެ އުސޫލުތަކުގެ ތެރެއިންނެވެ. ގައުމު އަނެއްކާ ވެސް ގެއްލުމާއި ހަލާކުގެ ތެރެއަށް ވަދެ، ވަކި ބައެއްގެ ބޭނުންތައް ފުއްދަން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ހޯމް މިނިސްޓަރު ކަން ކުރެއްވި އިރު، ގޯސް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލާއި ހަމަތަކުގެ މަތީގައި އަޅުގަނޑުމެން ތިބެން ޖެހޭނީ،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މީހަކު ގޯސްކަމެއް ކޮށްފި ނަމަ، އެ މީހަކު ސަލާމަތް ކުރަން ހިފާ މީހެއް ނޫން. ގާނޫނުގެ ތެރެއިން އެމީހަކަށް ލިބެން ޖެހޭ އަދަބަކާއި ރައްކާތެރިކަމެއް ލިބިދޭން ޖެހޭ."