ކޯމާއެއްގައި އޮތް ހައްޖުވެރިޔާ ނިޔާވެއްޖެ

މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސްވެގެން ފަރުވާދެމުން އައި ފިރިހެން މީހާ ރޭ ނިޔާވެއްޖެ އެވެ.


ހައްޖު ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި ކޯމާއެއްގައި އޮވެ ނިޔާވީ އއ. އުކުޅަހު މީހެއް ކަމަށްވާ މުހައްމަދު ތައުފީގު 70، އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އައި ތައުފީގު ހައްޖު ދުވަހުގެ ކުރިން އެޑްމިޓްކުރީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.

މި ފަހަރު ހަރަމައިން ޖަމާއަތުގެ ހަވާލުގައި ދިޔަ މީހަކާއި ސިސިލްފަރު ޖަމާއަތުގައި ދިޔަ މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ ރ. ހުޅުދުއްފާރު، ކަނޑު ފިނިގޭ، ޖަމީލާ މުހައްމަދާއި ފުވައްމުލައް ދޫޑިގަމް އަރާމަގުގެ އަބްދުﷲ ނާސިރެވެ.

ހައްޖުގެ އަޅުކަމަށް ފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އާއި އެކްރޯ އަދި ޒައީ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ ގިނަ ހައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއް ކަމަށްވާ ސިސިލްފަރު، ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ.