ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް އަނޫޝް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަނަކަށް ކުރީގެ ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް ހަމަޖައްސައިފި އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީގެ ސްޕޯކްސްޕާސަން ކަމަށް މިއަދުން ފެށިގެން އަނޫޝް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދާދި ފަހުންނެވެ.

ޖުމްހޫރީ ޕާޓީން ކުރި ޓްވީޓް

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގަ އާއި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އަނޫޝް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފުރަތަމަ ގުޅިވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓާ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަނަކަށް އަނޫޝް ހަމަޖެއްސި ނަމަވެސް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަނަކީ އަދިވެސް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ އިތުރުން އެ ޕާޓީ ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅާ އެވެ.