ސަރުކާރު ބަދަލުވި އިރު ޖަލުގެ ކަންކަން ހުރީ ރަނގަޅަކަށް ނޫން: އިމްރާން

ސަރުކާރު ބަދަލުވި އިރު ޖަލުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް 48 އަހަރު ފުރުން ފާހަގަ ކުރަން މާފުށީ ޖަލުގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ އާ ސަރުކާރު އައި ފަހުން ޖަލުތަކާ ބެހޭ އޮޑިޓެއް ހަދާ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ޖަލުތަކުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި ޖަލުތަައް ބަލަހައްޓާ މީހުންނާ މެދު ދެކޭ ގޮތް ބަދަލު ކުރުމުގައި ޖަލު އޮފިސަރުންގެ ރޯލު ބޮޑު ކަމަށް ވިދާޅުވި އެވެ. މި ބަދަލުތައް ގެނެވޭނީ ޖަލުތަކުގައި މަސައްކަތް ކުރާ އޮފިސަރުންގެ އަގު ސަރުކާރުން ވަޒަންކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުތަކުގައި މަސައްކަތް ކުރާ 113 އޮފިސަރަކަށް ޕްރޮމޯޝަން ދިންކަން ރޭގެ ޖަލްސާގައި ވަނީ އިއުލާންކޮށްފަ އެވެ. އެމްސީއެސް އިން ބުނީ ޖަލު އޮފިސަރުންނަށް ޕްރޮމޯޝަން ދޭން ފެށީ އެތައް އަހަރަކަށް ފަހު ކަމަށެވެ. އެމްސީއެސް އިން މި އަހަރު ވަނީ 229 އޮފިސަރަކު ޕްރޮމޯޓްކޮށްފަ އެވެ. މިދިޔަ މެއި މަހު ވެސް ވަނީ 116 އޮފިސަރަކު ޕްރޮމޯޓްކޮށްފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމްސީއެސްގެ އޮފިސަރަަަކަށް ޕްރޮމޯޝަން ދެއްވަނީ. -- ފޮޓޯ: ހޯމް މިނިސްޓްރީ

"އޮފިސަރުުންގެ ހައްގުތައް ކަށަވަރުކޮށްދީ ދެން ވެސް ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ކުރުމަކީ ދެމެހެއްޓެނިވި، އެދެވޭ ބަދަލުތަކެއް ގެނެސް، އިސްލާކުރަންޖެހޭ މުހިއްމު ފިޔަވަޅެއް ކަމަށް ގަބޫލުކުރާތީ، ސަރުކާރު ވުޖޫދަށް އައުމާ އެކުު އަޅުގަނޑުމެން މި ސާވިސްގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދޭން ފެށިން،" މިނިސްޓަރު ވިދާޅުވި އެވެ

އިމްރާން ވިދާޅުވީ ޖަލުތަކުގައި ބަންދުކުރާ މީހުންނަކީ އެ މީހުންގެ ހުކުމް ތަންފީޒުކުރަން ޖަލުގައި ބައިތިއްބާ ބައެއްގެ ގޮތުގައި ދެކޭ ދެކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުމަކީ ގައިދީން ޖަލުން ނުކުންނަންވާ އިރަށް އެ މީހުންނަކީ މުޖްތަމައަށް ފައިދާކުރާނެ ފަރުދުންނަށް ހެދުން ކަމަށް ވިދާޅުވި އެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކާމިޔާބީ މިންކުރުމަށް އަޅުގަނޑު ބަލާ މިންގަނޑަކީ ޖަލުގޮޅިތަކުގައި ބަންދުކޮށްފައިވާ މީހުންގެ އަދަދެއް ނޫން. އަޅުގަނޑުމެން އެކަމުގައި ބަލާ މިންގަނޑަކީ ކުށް ސާބިތުވެގެން ޖަލަށް އަންނަ މީހުންގެ ތެރެއިން އިސްލާހުވުމަށް ފަހު ޖަލުން ނުކުމެ ކުށް ތަކުރާރު ނުކުރާ މީހުންގެ ނިސްބަތް،" ޖަލުގެ ތަޖްރިބާ ތިން އަހަރެއްހާ ދުވަހު ކުރައްވާފައިވާ އިމްރާން ވިދާޅުވި އެވެ.

އެމްސީއެސްގެ 48 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވި ބައެއް އޮފިސަރުން. -- ފޮޓޯ: ހޯމް މިނިސްޓްރީ

މީގެ އިތުރުން ޖަލުގައި ބަންދުކުރާ މީހުންގެ ކަންތައް ބަލަހައްޓާނީ ބައިނަލްއަގްވާމީ މިންގަނޑު ބަޔާންކުރާ މަންޑޭލާ ރޫލްސްއާ އެއްގޮތަށް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާއެއް ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.