ހޮސްޕިޓަލިޓީ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓް، "ހޮޓެލް އޭޝިއާ އެގްޒަބިޝަން" މިއަދު ފަށައިފި އެވެ.
ދެ ބަޔަކަށް ބަހާލައިގެން ދަރުބާރުގޭގައި ކުރިއަށްގެންދާ މި އެގްޒަބިޝަނަކީ ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ބޭރު ގައުމުތަކުގެ ކުންފުނިތަކުގެ އުފެއްދުންތައް ވެސް ދައްކާލުމަށް ބާއްވާ ފެއާ އެކެވެ. އަދި ކައްކާއިންނަށް ހާއްސަކޮށްގެން ކެއްކުމުގެ މުބާރާތެއް ވެސް މި އެގްޒަބިޝަން، ކަލިނަރީ ޗެލެންޖް މި އަހަރު ވެސް ކުރިއަށް ދެ އެވެ.
ހޮޓެލް އޭޝިއާ އެގްޒަބިޝަނުގެ މެއިން ސްޕޮންސާ ކަމުގައިވާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ ސީއޯއޯ އެވީއެސް ސުބްރަމަންޔަމް ވިދާޅުވީ އެގްޒެބިޝަން އަހަރަކަށް ފަހު އަހަރެއް ކުރިއަރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު ސްޓޯލްތަކަށް އެެދި ހުށަހެޅި ކުންފުނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިފަހަރުގެ އެގްޒަބިޝަނުގައި ދަރުބާރުގޭގެ އެތެރެ އާއި ބޭރު ވަނީ ސްޓޯލްތަކުން ފުރާލައިފަ އެވެ.
"އަޅުގަނޑު ބުނާނީ މި އެގްޒަބިޝަން މިދަނީ މުޅި ދުނިޔޭގައި ފައިތިިލަ ސާބިތު ކުރަމުންނޭ. މިފަހަރު ވެސް އަޅުގަނޑުމެން ޖެހުނީ ސްޓޯލްތައް ބޭނުންވެގެން އެދުނު މީހުންގެ އަދަދު އިތުރުވެގެން ގޮސް ބައެއް މީހުންނަށް ނޫނެކޭ ބުނަން،" ސުބްރަމަންޔަމް ވިދާޅުވި އެވެ.
ސުބްރަމަންޔަމް ވިދާޅުވީ މި އެގްޒެބިޝަނަށް ލިބޭ ތަރުހީބު އިތުރުވަނީ އިންޑަސްޓްރީގެ މީހުން ބޭނުންވާ ތަކެތީގެ އަޖުމަ ބަލާލުމުގެ ފުރުސަތު އެއްތަނަކުން ލިބޭތީ ކަމަށެވެ. މި ފެއާ ތެރެއިން ރިސޯޓުތަކާއި ރެސްޓޯރެންޓްތަކުގެ އިސް މީހުންނަށް ބައްދަލުވެ ވިޔަފާރިއާ ގުޅޭ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބެ އެވެ.
މީގެ އިތުރުން މި ފެއާގެ ޒަރީއާއިން އެންމެ ޒަމާނީ ވަސީލަތްތަކާއި އާ އީޖާދުތައް ވެސް ފެނިގެންދާނެ ކަމަށް ސުބްރަމަންޔަމް ވިދާޅުވި އެވެ. އެގޮތުން، މި އަހަރުގެ އެގްޒެބިޝަނުގައި ބީބީއެމުން ވަނީ ގަނޑުކޮށްގެން ތާޒާކަންމަތީ ބަހައްޓާނެ ކާއެއްޗެހި ދައްކާލައިފަ އެވެ.
މިއަދު ފެށި މި އެގްޒަބިޝަން ކުރިއަށްދާނީ ބުދަ ދުވަހާ ހަމައަށެވެ.
ކަލިނަރީ ޗެލެންޖް- ދިވެހިންނަށް ވެސް އޮތް ރަނުގެ ފުރުސަތެއް
ހޮޓެލް އޭޝިއާ ފެއާ ހާއްސަވާ ދެވަނަ ކަމަކީ ކޮންމެ އަހަރަކު ވެސް އެގްޒަބިޝަން ފެށުމުގެ އެއް ދުވަސް ކުރިން ފަށާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. މި މުބާރާތަކީ ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ޗެފުންނަށް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ މުބާރާތަކެވެ.
ކަލިނަރީ ޗެލެންޖް ރާއްޖޭގައި ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޗެފުންނަށް ބައިނަލްއަގުވާމީ ސްޓޭޖެއް ދީ ދިވެހިން އެ ދާއިރާއިން ކުރިއެރުވުން ކަމަށް ސުބްރަމަންޔަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީބީއެމުން ރާއްޖެ އަށް އެންމެ މޮޅެތި ބްރޭންޑުތައް ގެނައުމުގެ އިތުރުން ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ މީހުންނަށް އެހެން ގައުމުތަކުން ފުރުސަތު ހޯދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުންފުނި ބީބީއެމްގެ މާނައަކީ ވެސް ރާއްޖެ އަށް އެންމެ ރަނގަޅު ބްރޭންޑުތައް ގެނައުން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ އަށް ބްރޭންޑުތައް ގެނައުމުގެ އިތުރުން ރާއްޖޭގެ ޝެފުންނަށް ވެސް އިންޓަނޭޝަނަލް ސްޓޭޖްތަކުން ފުރުސަތު ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.
މި އަހަރު ބާއްވާ ކަލިނަރީ ޗެލެންޖުގައި މެޑަލްތައް ހޯދާ ޗެފުންނަށް ވެސް ބީބީއެމުން ވަނީ އެހީވާން ނިންމައިފަ އެވެ. އެގޮތުން، ބޭރު ގައުމުތަކުގައި ބާއްވާ ކަލިނަރީ މުބާރާތްތަކުގައި އެ ކައްކާކާއިން ސްޕޮންސާ ކުރާނީ ބީބީއެމުންނެވެ. މީގެ ތެރޭގައި ކައްކާއިންގެ ހުރުމާއި ޓިކެޓް ވެސް ހިމެނޭނެ އެވެ.
ބީބީއެމުން އަންނަނީ ކަލިނަރީ ޗެލެންޖަށް ކައްކާއިން ތައްޔާރު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު މާސްޓާ ކްލާސްތައް ވެސް ބާއްވަމުންނެވެ.