މަދަނީ އިޖްރާއާތުގެ ބިލުގެ ޑްރާފްޓް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

މަދަނީ އިޖްރާއާތުގެ ބިލްގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި، އާންމުންގެ ޚިޔާލަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން ބުނިގޮތުގައި އެ ބިލަށް ހުށަހަޅަން ބޭނުންވާ ޚިޔާލުތައް އީމެއިލް ނުވަތަ ލިޔުމުގެ ވެސް އެ އޮފީހަށް ހުށަހެޅިދާނެ އެވެ. އަދި އެ ބިލަށް ޚިޔާލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ ޑްރާފްޓްގައި މަދަނީ ދައުވާތަކާ ބެހޭ އުސޫލުތަކާއި ޝަރީއަތް ހިންގުމުގެ ކުރިން މައްސަލަ ހައްލު ކުރުމާ ބެހޭ ނިޒާމާއި ޝަރީއަތް ހިންގުމުގެ އުސޫލުތަކާއި ހެއްކާ ބެހޭ އުސޫލުތަކާއި ރާއްޖެއިން ބޭރުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ އިޖްރާއާތުތަކާއި އިސްތިއުނާފް ކުރުމުގެ އުސޫލުތަކާއި ހުކުމް ތަންފީޒު ކުރުމުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ. ޖުމްލަ 177 ސޮފްހާ ހިމެނޭ ޑްރާފްޓްގައި 400 އަށް ވުރެ ގިނަ މާއްދާ ހިމެނެ އެވެ.

މަދަނީ އިޖްރާއާތުގެ ބިލު އެކުލަވާލަނީ ޔޫއެންޑީޕީގެ އެހީއާ އެކު އައްޔަން ކޮށްފައިވާ ބޭރުގެ ކޮންސަލްޓެންޓެއް ކަމަށްވާ އިމެނުއަލް ގުއިންޝާޑްގެ އެހީތެރިކަމާ އެކު އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވާސިޓީގެ ލޯ ސްކޫލްގެ ސީނިއާ ޗެކްޗަރާ އެކެވެ.